ޚަބަރު

ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔަގޮތާމެދު އީޔޫގެ ތަޢުރީފު އީސީއަށް


  • ވޯޓުލުމާއި، ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ދިޔައީ ފުރިހަމަކަމާއެކު

  • އިންތިޚާބުގެ ދުވަސްވަރު ރާއްޖޭގެ މާޙައުލު އޮތީ އޮމާންކޮށް

  • އިންތިޚާބާއި ގުޅިގެން 20 ލަފަޔެއް އަރުވާފައިވޭ

މިދިޔަ އަހަރުގެ ސެޕްޓެންބަރުމަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތާމެދު، ޔޫރަޕިއަން ޔޫނިއަން، އީޔޫގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ތަޢުރީފުކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގައި އީޔޫއަށް ފާހަގަކުރެވުނު މުހިންމު ކަންކަމާގުޅޭ، ފައިނަލް ރިޕޯޓު ހުށަހަޅުއްވަމުން، އީޔޫ އިލެކްޝަންސް އޮބްޒަރވޭޝަން މިޝަންގެ ޗީފް އޮބްޒަވަރ ނަޗޯ ސަންޗޭޒް ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ.

ނަޗޯ ސަންޗޭޒް ވިދާޅުވީ، އިންތިޚާބުތެރޭ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރައްވަމުން ގެންދެވީ 4 މެންބަރުންނާއެކު ނަމަވެސް، އިންތިޚާބީ ކަންކަން އިލެކްޝަނުން ކުރިއަށް ގެންދެވީ ވަރަށް ފުރިހަމަކަމާއި، ޕްރޮފެޝަނަލް ކަމާއެކުކަމަށް ސަންޗޭޒް ވިދާޅުވިއެވެ.

ސަންޗޭޒް ވިދާޅުވީ، އިންތިޚާބުގެ ދުވަސްވަރު ރާއްޖޭގެ މާޙައުލުގައި މާބޮޑު ހަލަބޮލިކަމެއް ނެތް ކަމަށެވެ. އަދި ވޯޓުލުމާއި، ވޯޓުގުނުމުގެ ކަންކަންވެސް ކުރިއަށްދިޔައީ ވަރަށް ފުރިހަމަކަމާ އަމާންކަމާއެކުކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިޚާބީ ދުވަސްވަރު ރާއްޖޭގެ މާޙައުލު އޮތީ ވަރަށް މަޑުމާއިތިރިކޮށް. އަދި ވޯޓު ގުނުމާއި، ވޯޓުލުމުގެ ކަންކަންވެސް ކުރިއަށް ދިޔައީ ވަރަށް ފުރިހަމަކޮށް. މިފަދަ އަމާން އިންތިޚާބެއް ބޭއްވުމުގައި އިލެކްޝަންސް ކޮމިޝަންގެ ދައުރު ބޮޑު. އިލެކްޝަނަށް ތަޢުރީފު ޙައްޤު." ނަޗޯ ސަންޗޭޒް ވިދާޅުވިއެވެ.

ކުރިއަށް ހުރި އިންތިޚާބުތަކުގައި، އިންތިޚާބީ ކަންކަން ރަނގަޅުކުރުމަށް 20 ލަފަޔެއް، އީޔޫގެ އިލެކްޝަންސް އޮބްޒަވޭޝަންގެ ފައިނަލް ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

އެގޮތުން، ސިޔާސީ ޙައްޤުތައް ހަރުދަނާ ކުރުމަށާއި، ވޯޓު ގަތުން ހުއްޓުވުމަށް ސިވިކް އަދި ވޯޓަރ އެޑިޔުކޭޝަން ހަރުދަނާކުރުމާއި، އިންތިޚާބީ ކެމްޕެއިންތަކުގައި ދައުލަތުގެ މުދާ ޚަރަދުކުރުން ހުއްޓުވުމަށް ލަފާދީފައިވެއެވެ. އަދި ކެމްޕެއިން ފައިނޭންސްގެ ޤަވާޢިދުތަކަށް އިސްލާހުގެނެސް، ޤަވާޢިދުތައް ތަންފީޒްކުރުން އިތުރަށް ހަރުދަނާކުރަންޖެހޭކަމަށް އީޔޫގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި އިންތިޚާބާއި ގުޅިގެން ސާބިތުނުހިފޭ ދޮގު މަޢުލޫމާތުތައް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ފެތުރުމުގެ އިތުރުން، ބައެއް ނޫސްތަކުންވެސް ދޮގު މަޢުލޫމާތު ފަތުރާކަން ފާހަގަކުރެވިފައިވާކަމަށް އީޔޫގެ ފައިނަލް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް، އީޔޫގެ ވަފުދު މިދިޔަ އަހަރުގެ އޮގަސްޓް 13 އިން ފެށިގެން ރާއްޖޭގައި ވަނީ ހަރަކާތްތެރިވެފައެވެ. އިންތިޚާބު އޮބްޒަރވްކުރުމަށް އީޔޫގެ ވަފުދެއް، ރާއްޖެ އައިސްފައިވަނީ ދިވެހި ދައުލަތުގެ ދަޢުވަތަކަށެވެ.