ޚަބަރު

ގިނަ ޢަދަދެއްގެ ފަތުރުވެރިންނާއެކު އިންޑިއާއިން ރާއްޖެއަށް ކްރޫޒްލައިނެއް


  • ކޮޗިން އިން ރާއްޖެއަށް އައީ ކޯސްޓާ ސެރެނާ

  • 2000 އެއްހާ ފަތުރުވެރިން ވަނީ ދަތުރުކޮށްފައި

  • މެއި މަހާއި ހަމައަށް އިތުރު 14 ކްރޫސްލައިނާއެއް ރާއްޖެ އަންނާނެ

ގިނަ ޢަދަދެއްގެ ފަތުރުވެރިންނާއެކު އިންޑިޔާއިން ކްރޫޒްލައިނެއް ރާއްޖެއައިސްފިއެވެ. މިއީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ކްރޫޒްލައިނާއެވެ.

އިންޑިޔާގެ ކޮޗިން އިން ރާއްޖެއަށް ދަތުރުކުރި ކޯސްޓާ ސެރެނާ ނަމަކަށް ކިޔާ މި ކްރޫޒްލައިނާ މާލެއަށް ބަނދަރު ކޮށްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މިއީ އިޓަލީވިލާތުގެ ކްރޫޒްލައިނާއެކެވެ. މި ކްރޫސްލައިނާގައި 2000 އެއްހާ ފަތުރުވެރިން ވަނީ ދަތުރުކޮށްފައެވެ. މި ކްރޫޒްލައިނާ ރާއްޖެއައިސްފައިވަނީ އިންޑިއާގެ މުމްބާއީ އަދި ގޯއާ ފަދަ ސަރަޙައްދުތަކުގައި ބަނދަރު ކުރުމަށްފަހުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، މާޔާއިން ބުނީ، މި ކްރޫޒްލައިނާގައި ރާއްޖެއަށް ޒިޔާރަތްކުރި ގިނަ އަދަދެއްގެ ފަތުރުވެރިން މާލެއަށާއި މާލެ ކައިރީ ރަށްރަށަށް ފައިބައިފައިވާކަމަށެވެ.

މާޔާއިން ބުނީ މިއަހަރުގެ މޭމަހާއި ހަމައަށް 14 ކްރޫޒްލައިނާއެއް ރާއްޖެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމުގައެވެ. އެގޮތުން މިމަހުގެ ތެރޭގައި ބ. އަތޮޅަށާއި މާލެ ސިޓީއަށް 2 ކްރޫޒްލައިނާއެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މާޔާއިން މަޢުލޫމާތުދީފައިވެއެވެ.

މިކްރޫޒްލައިނާތަކުގެ ޖާގަޔަށް ބަލައި ކްރޫޒްލައިނާތަކުން ރާއްޖެއަށް އަންނާނެ ފަތުރުވެރިންގެ ޢަދަދު 28000 އަށް އަރާނެކަމަށް ލަފާކުރެވެއެވެ.

ފަތުރުވެރިކަމުގެ ޕީކް ސީޒަނާއާ ދިމާކޮށް ރާއްޖެއަށް، ކްރޫޒްލައިނާތަކުންނާއި އެނޫންވެސް ގޮތްގޮތުން އަންނަ ފަތުރުވެރިން ގިނަކަން ފާހަގަކޮށްލަން ޖެހެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. 2 ވަނައިގައި އިންޑިއާ އުޅޭއިރު 3 ވަނައިގައި އުޅެނީ ޗައިނާއެވެ.