ކުޅިވަރު

ހުއްޓިފައި އޮތް 64 ކުޅިވަރު މަޝްރޫޢެއް ފެށިގެން ކުރިއަށް


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައި އޮތް ކުޅިވަރުގެ 232 މަޝްރޫއެއް އަނެއްކާވެސް ފެށުމަށް ދަރަނީގެ ތެރެއިން 160 މިލިއަން ދައްކާފައިވާކަމަށް ކުޅިވަރާއި، ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، ހުއްޓިފައިވާ ބައެއް މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާކަމަށެވެ.

ސަރުކާރުގެ ހަފްތާ 14 ގައި ކުރަން ކަނޑައަޅާފައިވާ ކުޅިވަރާ ގުޅުންހުރި ކަންކަމާގުޅޭ މަޢުލޫމާތު ދިނުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާއި، ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ މި މަޝްރޫއުތައް ހުއްޓިފައިވާ ހިސާބުން އަނެއްކާވެސް ފެށުމަށް ސަރުކާރުން ބޮޑު ހޭދައެއް ކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ފައިސާ އާއި އެހެނިހެން ކަންކަމާއި ގުޅިގެން ހުއްޓިފައި އޮތް 64 ޕްރޮޖެކްޓެއް މިހާރު ފެށިގެން ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބާކީ ހުރި މަޝްރޫޢުތައް އަވަހަށް ފެށިގެންދާނެ ކަމަށާއި، ވުޒާރާއާއި ހަވާލުވިއިރު 160 މިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށެވެ.

އޭގެ ތެރެއިން ސަޕްލިމެންޓްރީ ބަޖެޓުން 125 މިލިއަން ރުފިޔާ ދެއްކީ ވީހާވެސް އަވަހަށް އެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް އެ މަޝްރޫޢުތައް ހަރުދަނާ ގޮތެއްގައި ނިންމުން ކަމަށެވެ. އަދި މި މަޝްރޫޢުތަކަކީ ކުރިން ބިލް ކުރެވިފައިވާ މަޝްރޫޢުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ ހަފްތާ 14 ގައި ކުޅިވަރާއި، ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން މައިގަނޑު 7 ކަމެއް ކުރަން ކަނޑައަޅާފައިވާ ކަމަށާއި އޭގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ފުޓްސަލް ދަނޑުތަކާއި، އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެކުލެވޭ ގޮތަށް ފަރުމާކޮށްގެން މާލޭ ސަރަޙައްދުގައި އަޅާ ފުޓްސަލް ކޮމްޕްލެކްސްގެ ކޮންސެޕްޓް ޕޭޕަރ ތައްޔާރުކޮށް ރައީސް އޮފީހަށް ފޮނުއްވާފައިވާ ކަމަށާއި، ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަޝްވަރާކުރުމަށް ފަހު ބިން ކަނޑައެޅުމުން އެކަން ކުރަން އިޢުލާނުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި 5 ނެޓްބޯލް ދަނޑު އެކުލެވޭ ގޮތަށް އަޅާ ނެޓްބޯލް ކޮމްޕްލެކްސްގެ ކޮންސެޕްޓް ޑިޒައިން މަރުހަލާ ނިންމާ ކެބިނެޓަށް ހުށައަޅާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކުރީގެ ޤައުމީ އެތުލީޓުންގެ މައްޗަށް އެކުލެވޭ ނޭޝަނަލް ސްޕޯޓްސް ވެޓަރަންސް އެމްބެސެޑަރސްގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ދަފްތަރުގައި ހިމެނެން ބޭނުންވާ އެތުލީޓުންގެ ޝަރުތުތަކެއް ކަނޑައަޅާ، އެކަން އާންމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ޝަރުތުތައް ނުވަތަ މިންގަނޑުތަކަށް ފެތޭ އެތުލީޓުންނަށް އެ ދަފުތަރުން ފުރުޞަތު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ކުޅިވަރާއި ކަސްރަތުގެ ދާއިރާއިން ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި ކުލަބު ޖަމުޢިއްޔާތަކާއި ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ޚާއްސަ ފިޓް މޯލްޑިވްސް އެޕްލިކޭޝަނުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، ޕްރީމިއަމް ގޮތެއްގައި ފަރުމާކުރެވޭ މި އެޕްލިކޭޝަން ހުރިހާ ދިވެހިންނަށް ހިލޭ ބޭނުންކުރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރުގެ މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމު ސިއްޙީ ޚިދުމަތްތަކާބެހޭ މިންގަނޑު އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު އެއްބަސްވުމަކަށް ގޮސްފައިވާ ކަމަށާއި މީގެ ތެރެއިން ޓްރެއިނިން ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.