ޚަބަރު

އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިންގެ ނޮމިނޭޝަން އިއުލާނުކޮށްފި


  • މާޒިޔާއާއި ނިއުގެ ދެކުޅުންތެރިން އަދި އޮޑީގެ ކުޅުންތެރިޔަކު ހިމެނޭ

  • ނޮމިނޭޓުވީ ލީޒާ، ޝާލިޔާ، މައީޝާ، ނޫރާ އަދި ޝަހުފާ

އެފްއޭއެމް އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ ނޮމިނޭޝަންތައް އިއުލާނުކޮށްފިއެވެ.

އެފްއޭއެމް އިން އިއުލާނުކުރި ނޮމިނޭޝަންގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ދެ ކުޅުންތެރިޔަކާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ދެ ކުޅުންތެރިއެއްގެ އިތުރުން އޮޑި ސްޕޯޓްސް ކުލަބުގެ ކުޅުންތެރިއެކެވެ.

އޮޑި ސްޕޯޓްސް ކުލަބުން ނޮމިނޭޓުވީ ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން އަދި ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ފާތިމަތު ޝާލިޔާއެވެ. އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި އެފްއޭއެމް ވިމެންސް ލީގުގެ އެންމެ މޮޅު ދިވެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މި އެވޯޑަށް ނޮމިނޭޓުވީ ޤައުމީ ޓީމަށް ވެސް ކުޅޭ އައިމިނަތު ލީޒާގެ އިތުރުން ޝަޙްފާ ޝިއުތުއެވެ.

މި އެވޯޑަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ނޮމިނޭޓުވީ މަރިޔަމް ނޫރާއާއި ޤައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކެޕްޓަން މައީޝާ އަބްދުލް ހަންނާނެވެ.

ރާއްޖޭގައި އަންހެނުންގެ ފުޓުބޯޅަ، ކުލަބު ފެންވަރުގައި މެދުކެނޑިފައި އޮންނަތާ އަހަރުތަކެއް ފަހުން މިދިޔަ އަހަރު އެފްއޭއެމް އިން ވަނީ އެފްއޭއެމް ވިމެންސް ލީގުގެ ނަމުގައި އަންހެނުންގެ ފުޓުބޯޅައަށް އައު ދިރުމެއް ގެނެސްދީފައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، އޮޑި ސްޕޯޓްސް ކުލަބު ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ.