ޚަބަރު

28 ދުވަހުން އަމީނީމަގުގެ ފަހު ދެބައިގައި ތާރުއަޅައި ނިންމާލައިފި


  • އަމީނީމަގު 13 ސެގްމެންޓްގައި ތާރު އަޅާވަނީ ނިންމާލާފައި

  • މަގު އާންމުއްނަށް ހުޅުވާލާނީ މި ހަފްތާ ފަހުކޮޅު

  • މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީކުރި

ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންދާ އަމީނީ މަގުގެ ފަހު 2 ސެގްމަންޓްގެ ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ނިންމާލައިފިއެވެ. އާރުޑީސީން މި މަސައްކަތް ނިންމާލާފައިވަނީ 28 ދުވަހުންނެވެ.

އާރްޑީސީން ބުނީ ފަހު ދެ ސެގްމަންޓުގައި ތާރު އަޅާ ނިމުނު ކަމުގައި ވީނަމަވެސް މަގުމަތީގައި ކުރަހަންޖެހޭ ނިޝާންތައް ކުރަހާ މަގު އާންމުކޮށް ހުޅުވާލެވޭނީ މިހަފްތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފްތާގެ ކުރީކޮޅުކަމަށެވެ.

އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގައެވެ. އެގޮތުން 2022 ވަނަ އަހަރުގެ އޯގަސްޓް މަހު ޢަމަލީ މަސައްކަތް ފެށި އަމީނީމަގުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ނުނިމިވަނީ ދިގުލައިގެން ގޮސް މަގުގެ މަސައްކަތް މެދުކެނޑާލީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކައިރިވެފައިވަނިކޮށެވެ. އޭރު ނުނިމި 2 ސެގުމެންޓުގެ މަސައްކަތް އޮތެވެ. 13 ސެގްމަންޓަށް ބަހާލައިގެން ފެށި އަމީނީ މަގުގެ މަސައްކަތުގެ ފަހު 2 ސެގްމަންޓްގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 09 ވަނަ ދުވަހުއެވެ. އަމީނީ މަގުގެ ފަހު ދެ ސެގުމެންޓުގެ މަސައްކަތް ކުރިއަށްގެންދަނީ ކުރީގެ ސެގުމެންޓުތަކަށްވުރެ މަގު ފުޅަކޮށް ސްކޯޕަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން އެ ދެސެގުމެންޓުގައި 4 ލޭން އޮންނާނެއެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުވެސް ވަނީ ބައްލަވާލައްވާފައެވެ.

އަމީނީ މަގު ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ އިރު ސަރުކާރުން ވަނީ މާލޭގެ ހުރިހާ މަގެއް ހިމެނޭހެން ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމަށް ނިންމަވާފައެވެ. އަދި ފެން ހިންދާ ނިޒާމުވެސް މަރާމާތުކޮށް ރަނގަޅުކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވެއެވެ.

އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާ އަށެއެވެ.