ޚަބަރު

މާލެ ޖަލު ބަންދުކޮށްފި


  • ޖަލު ބަންދުކުރީ ދަރުމަވަންތަ ސްކޫލް ދަރިވަރުންނަށް ނުރަނގަޅު އަސަރުކުރާތީ

  • އެތަނުގައި ތިބި ގައިދީންވަނީ އެހެން ޖަލުތަކަށް ބަދަލުކޮށްފައި

  • އާންމު ޚިދުމަތްތައް މިމަހުގެ 12އާއި ހަމައަށް އެއިމާރާތުގެ ކައުންޓަރުން ލިބޭނެ

ބޮޑު ތަކުރުފާނު މަގުގައި ހުންނަ މާލޭ ޖަލު ބަންދުކޮށްފިއެވެ.

ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ މާލޭ ބޮޑު ތަކުރުފާނު މަގުގައި ހުންނަ މާލޭ ޖަލު، ސަރުކާރުގެ ޕޮލިސީތަކާއި އެއްގޮތަށް މިއަދުން ފެށިގެން ބަންދު ކޮށްފައިވާ ކަމަށެވެ. އަދި އެޖަލުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ކަރެކްޝަނުން ވިދާޅުވެއެވެ.

ޖަލު ބަންދު ކޮށްފައިވަނީ ޖަލު ޖެހިގެން ހުންނަ ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ނުރަނގަޅު އަސަރު ކުރަމުން އަންނާތީ، ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރުމަށްފަހު ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.

ޖަލު ބަންދުކުރި ނަމަވެސް އާންމުންނަށް ފޯރުކޮށްދެމުން އައި ޚިދުމަތްތައް މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް އެއިމާރާތުގެ ކައުންޓަރުން ލިބެމުންދާނެ ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ޖަލަކީ، ރިމާންޑް ސެންޓަރެއްގެ ގޮތުގައި 2003 ސެޕްޓެމްބަރ މަހުގައި ހުޅުވި ތަނެކެވެ. ފުރަތަމަ އެތަން ބޭނުން ކުރަމުން ދިޔައީ މާފުށީ ޖަލުން އެކިއެކި ކަންކަމުގައި މާލެއަށް ގެންނަ މީހުން ވަގުތީ ގޮތުން ބޭތިއްބުމަށާއި، އަރުވާލުމަށް ހުކުމްކުރެވި ރަށަކަށް ބަދަލުކުރެވެންދެން ބަންދުކުރުމުގެ އިތުރުން، ގޭބަންދުކުރުމަށް ހުކުމްކުރެވޭ މީހުންގެ ތެރެއިން ހަވާލުވާނެ ފަރާތެއް ނެތް މީހުން ބަންދުކޮށްފައި ބޭތިއްބުމަށެވެ.

ނަމަވެސް 2006ވަނަ އަހަރު އެޖަލުގެ ތެރޭގައި އައު ގޮޅިތަކެއް ހެދުމަށްފަހު ދިގު މުއްދަތަކަށް ބަންދުކޮށްގެން މީހުން ބައިތިއްބަން ފެށިއެވެ. ވޭތުދިޔަ ހަތަރު އަހަރު މާލެ ޖަލުގެ އެނެކްސް އެކެއް ބޭނުންކޮށްފައިވަނީ މުސްކުޅިންނާއި، ދިގުމުއްދަތަކަށް ފަރުވާ ބޭނުންވާ ބަލިތަކުގައި ބޭސް ފަރުވާކުރާ މީހުންނާއި، ބެލެހެއްޓުމުގައި ޚާއްޞަ އެހީތެރިކަން ދީގެން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބޭތިއްބުމަށް ކަމަށް ކަރެކަޝަނަލް ސަރވިސްއިން މަޢުލޫމާތުދެއްވައެވެ.