މާލެ ސިޓީގެ މޭޔަރު ހޮވުމަށް މި މަހު ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ޕީއެސްއެމް އިން އބާއްވާ ބަހުސް މާދަމާ ރޭ އޮންނާނެއެވެ. މި ބަހުސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 21:00 ގައެވެ.
ޕީއެސްއެމްއިން ބާއްވާ މޭޔަރު ބަހުސްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ 5 ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ މާލޭގެ މޭޔަރު އިންތިޚާބެއްގައި މިހާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.
• ކެންޑިޑޭޓް ނަންބަރު 1: ޝުއައިބު އަލީ / އަމިއްލަގޮތުން
• ކެންޑިޑޭޓް ނަންބަރު 2: ހުސައިން ވަހީދު / އަމިއްލަގޮތުން
• ކެންޑިޑޭޓް ނަންބަރު 3: އައިޝަތު އާޒިމާ ޝަކޫރު / ޕީއެންސީ
• ކެންޑިޑޭޓް ނަންބަރު 4: އާދަމް އާޒިމް / އެމްޑީޕީ
• ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް
މާދަމާ ރޭ ބާއްވާ މި ބަހުސްއާ ގުޅޭ މައުލޫމާތު ޕީއެސްއެމް އިން ވަނީ ކެންޑިޑޭޓުންނާއި ބައްދަލުކޮށް ހިއްސާކޮށްފައެވެ. އަދި ބަހުސްގައި ކެންޑިޑޭޓުން ވާހަކަދައްކަވާނެ ތަރުތީބުވެސް ގުރުއަތުނަގައި މިހާރު ވަނީ ކަނޑައަޅައިފައެވެ.
މުހިންމު އެކި އިންތިޚާބުތަކާ ދިމާކޮށް ބަހުސްތައް ބާއްވަނީ އެ އިންތިޚާބެއްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތަޞައްވުރު ރައްޔިތުންނާ ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ. އެގޮތުން، ރައްޔިތުންނަށްޓަކައި ނުވަތަ ދާއިރާގެ ތަރައްޤީއާއި ލާބައަށްޓަކައި ކެންޑިޑޭޓުން ކުރައްވަން ނިންމަވާފައިވާ ކަންކަން ބަހުސްގެ ޒަރީއާއިން ރައްޔިތުންނަށް ތިލަކޮށް ކިޔައިދިނުމުގެ ފުރުޞަތު އެ ކެންޑިޑޭޓުންނަށް ލިބިގެންދެއެވެ.
މާލޭ މޭޔަރު ބަހުސް މާދަމާ ރޭ 21:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ބަހުސްގެ ޕްރީ ޝޯ މާދަމާ ރޭ 20:30 ގައި ފަށާނެއެވެ. ބަހުސް އާއި ޕްރީ ޝޯވވެސް ޓީވީއެމް، ޕީއެސްއެމް ނިއުސް އަދި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ގެނެސްދޭނެއެވެ.
ޕީއެސްއެމްގެ މޭޔަރުންގެ ބަހުސް މާދަމާ ރޭ 21:00 ގައިhttps://t.co/oPgnNBicUf@psm_mkt pic.twitter.com/DfIFAnErgv
— PSM News (@psmnewsmv) January 5, 2024
މި މަހުގެ 13 ވަނަ ދުވަހު ބާއްވާ މާލެ މޭޔަރު އިންތިޚާބުގެ ކެމްޕޭން ވަދާވެރިކަމާއެކު މިހާރުވެސް ދަނީ ކުރަމުންނެވެ. ހުރިހާ ކެންޑިޑޭޓުންވެސް މާލޭގެ ގެތަކަށް ޒިޔާރަތް ކުރައްވާއިރު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ އެ ކަންބޮޑުވުންތައް ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމާއި އެ ކެންޑިޑޭޓުން ގެންގުޅުއްވާ ސިޔާސަތުތައް ދަނީ ހާމަކުރައްވަމުންނެވެ.
މާލެ ސިޓީގެ މޭޔަރު ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ބައި އިލެކްޝަން ބާއްވަން ނިންމާފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެންނެވެ. މޭޔަރުގެ އިތުރުން ސިޓީ ކައުންސިލުގެ އިތުރު 3 ގޮނޑިއެއް ވަނީ ހުސްވެފައެވެ. އެ ގޮނޑިތަކަށް މެންބަރުން އައްޔަން ކުރާނީ ވެސް 13 ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަނުގައެވެ.