ޚަބަރު

ވިލިމާލެ ފެނާއި ނަރުދަމާ ނިޒާމުގެ ހާލަތު ބެލުމަށް ސަރވޭއެއް


  • މިއީ ނިޒާމު މަރާމާތުކޮށް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢަށް ކުރާ ސަރވޭއެއް

  • މިއާއެކު އަސާސީ ޚިދުމަތް ވަރުގަދަކުރެވޭނެ

  • ސަރވޭއަށްފަހު ގެންނަންޖެހޭ ބަދަލު ގެންނާނެ

ވިލިމާލެގެ ފެނާއި ނަރުދަމާ ނިޒާމުގެ މިހާރުގެ ޙާލަތު ދެނެގަތުމަށްޓަކައި، އެސެސްމަންޓް ހެދުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ، އެމްޑަބްލިއުއެސްސީން ފަށައިފިއެވެ. މިއީ މި ނިޒާމު މަރާމާތުކޮށް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢެއް އެކުލަވާލައި ތަންފީޛު ކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވީ ވިލިމާލެއަށް ބޭނުންވާ ޚިދުމަތްތައް ޒަމާނީކުރުމަށް މި ސަރުކާރުގެ ތަސައްވުރެއް އެބައޮތްކަމަށެވެ. މި މަސައްކަތަކީ މީގެ ދަށުން ކުރެވެމުންދާ މަސައްކަތެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަތީން ވިދާޅުވީ، މިއީ މުސްތަޤްބަލުގައި ވިލިމާލޭގެ އާބާދީ އިތުރުވާނެތީ އެކަމަށް ބޭނުންވާ އަސާސީ ޚިދުމަތް ވަރުގަދަކުރުމުގެ މަސައްކަތުގެ ފެށުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަސައްކަތާއެކު ވިލިމާލެއަށް އިތުރު ތަރައްޤީ އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަރވޭ ނިންމުމަށްފަހު ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. ވިލިމާލެ ފެނާއި ނަރުދަމާ ނިޒާމު އިތުރަށް ތަރައްޤީވެގެން އަންނައިރު ވެގެންދާނީ ތިމާވެއްޓާއި ރަހުމަތްތެރި ނިޒާމަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމާއި ކަރަންޓުގެ ހާލަތު ދިރާސާކޮށް، އިތުރަށް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ހަވާލުކުރެއްވީ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހުއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ވިދާޅުވީ ވިލިމާލޭގެ ފެނާއި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް ތަރައްގީކުރެވިގެން އަންނައިރު ވިލިމާލޭގެ ހުސް ބިންތަކުގައި އިތުރު އިމާރާތައް އަޅާ މިހާރު ހުރި އިމާރާތްތައް އިތުރަށް އުސްކުރެވޭނެ ކަމަށެވެ. މިމަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެއްކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.