ޚަބަރު

އަމީނީ މަަގުގެ ފަހު ސެގްމަންޓުގައި ތާރުއެޅުމަށް ތައްޔާރުވެއްޖެ


  • ކޮނެގެން ކުރަންޖެހޭ ބައެއް މަސައްކަތްތައް ވަނީ ނިންމާލާފައި

  • އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ދަނީ ކުރަމުން

  • މިހާރު މަސައްކަތްކުރަނީ ޢިއްޒުއްދީން މަގު ދިވެހިރާއްޖޭގެ އަޑުން ފެށިގެން މާފަންނަށް

އަމީނީ މަަގުގެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ތާރުއެޅުމަށް ތައްޔާރުވެއްޖެއެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ވަނީ ކޮނެގެން ކުރަންޖެހޭ ބައެއް މަސައްކަތްތައް ނިންމާލާފައެވެ. ދިވެހިރާއްޖޭގެ އަޑުން ފެށިގެން ފުޑްކޯޓް ނިމޭ ސަރަޙައްދަށް ކޭބަލްތައް ވަޅުލުމާއި، ޕަންޕް ސްޓޭޝަންތައް ހެދުމާއި، ޕޭމަންޓް ކައިރީގައި ޖަހަންޖެހޭ ގައުތައް ޖެހުން ފަދަ މަސައްކަތް ވަނީ ކޮށްފައެވެ.

ކޮނެގެން ކުރަންޖެހޭ މަސައްކަތް މިހާތަނަށް ނިމިފައިވާ ހިސާބުގެ ފަސްގަނޑު އެއްވަރުކޮށް ނިންމާ، އެ ސަރަޙައްދުގައި ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ އޭބީސީ ލޭޔަރު އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އަމީނީ މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ނުނިމި އޮތް ބައިގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. 13 ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ސަރުކާރު ބަދަލުވިއިރު ނުނިމި އޮތީ ފަހު ދެ ސެގްމެންޓުގެ މަސައްކަތެވެ. އެއީ ޢިއްޒުއްދީން މަގު ދިވެހިރާއްޖޭގެ އަޑުން ފެށިގެން މާފަންނާ
ވީ ސަރަޙައްދެވެ.

މޫސުންތަންދޭނަމަ ގާތްގަނޑަކަށް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާ އަމީނީ މަގުގެ ބަންދުކޮށްފައިވާ ސަރަޙައްދު އާއްމުންނަށް ހުޅުވާލެވޭނެކަމަށް އާރް.ޑީ.ސީއިން ބުނެއެވެ.