ޚަބަރު

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރެއް އެކުލަވާލަނީ


  • ޓެކްސީ ނިޒާމު، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކާއެއްގޮތަށް ތަރައްގީ ކުރާނެ

  • ރަސްމާލޭގައި ތިމާވެއްޓާ ރައްޓެހި ޓެކްސީ ނިޒާމެއް ގާއިމުކުރާނެ

ރާއްޖޭގައި ޓެކްސީ ޚިދުމަތް ދެމުން އަންނަ ޑްރައިވަރުންގެ ޤައުމީ ދަފުތަރެއް އެކުލަވައިލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިގޮތަށް ރައީސް ނިންމަވާފައިވަނީ މިދިޔަ ހަފުތާގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ދާއިމީ ގޮތެއްގައި ޓެކްސީ ދުއްވައިގެން އާމްދަނީ ހޯދުމަށް ރަސްމީ މަސައްކަތެއްގެ ސިފަ މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އޭގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ލޯނަށް އެދުމާއި މުއައްސަސާތައް އާމުދަނީގެ މައުލޫމާތު ފޯރުކޮށްދިނުން ފަދަ ޒަރޫރީ ބޭނުންތައް ނުފުއްދޭކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޡިމް ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަނީ ޓެކްސީ ޑްރައިވަރުންނަކީވެސް ރަސްމީ ސިފައެއްގައި އާމްދަނީ ހޯދަން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހެދުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކަމަށެވެ. އެ ދަފުތަރު އެކުލަވައިލާނީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި ކަމަށްވެސް ވިދާޅުވިއެވެ.

"ކަރުދާހުގައި މަޝްވަރާކުރެވި ނިމުނު ކަންކަމުގެ ތެރޭގައި ދަތުރު އެކުލަވާލާއިރު ޑިޖިޓަލް ޕޭމަންޓް ނިޒާމު ގާއިމު ކުރުން ހިމެނޭ. އަދި މި ނިޒާމުގެ ތެރެއިން ބޭންކުތަކާ މަޝްވަރާކޮށްގެން އެފަދަ ނިޒާމުގެ ދަށުން ބޭންކުތަކުން ނަގާ ފީ އުވާލެވޭނެ ގޮތެއް ހޯދުމަށް ވަނީ ނިންމަވާފައި،" ނާޡިމް ވިދާޅުވިއެވެ.

ރާއްޖޭގެ ޓެކްސީ ނިޒާމު، ދުނިޔޭގެ ތަރައްގީވެފައިވާ ޤައުމުތަކާއެއްގޮތަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ތަހުޒީބު މުޖުތަމައެއްގައި އެ ޚިދުމަތް އޮންނަ ގޮތަށް ޚިދުމަތް ދިނުމަށް ބޭނުންވާ މަސައްކަތް ކުރުމަށް ތަފްސީލީ ކަރުދާހެއް ހުށަހެޅުމަށް އަންގަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ރަސްމާލެ މަޝްރޫއު ނިމިގެންދާއިރު އެތަނުގައި ތިމާވެއްޓާ ރައްޓެހި ޓެކްސީ ޚިދުމަތް ދިނުމަށް ނިންމަވާފައިވާކަންވެސް ނާޡިމް ފާހަގަކުރެއްވިއެވެ.

"ޚާއްސަކޮށް ރަސްމާލެ ޑިވެލޮޕްވަމުން އަންނައިރު އެތަނަކީ އީކޯ ސިޓިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއެކު އެތަނަށް ބޭނުންވާ ޓެކްސީ ފަދަ ޚިދުމަތްތަކަކީ ތިމާވެއްޓާ ރައްޓެހި ޓެކްސީތަކަކަށް ހެދުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށާއި އެކަމާ ގުޅިގެން އެކުލަވާލާންޖެހޭ ކަރުދާސްތައް އެކުލަވާލަން ވަނީ ނިންމަވާފައި. މަޝްވަރާކުރާއިރު ޝާމިލުވާ ހުރިހާ ފަރާތްތަކާއެކު ހާއްސަކޮށް ޑްރައިވަރުންނާ ރަނގަޅަށް މަޝްވަރާ ކުރެވި އެއްވެސް ފަރާތެއްގެ ހައްގު ނުގެއްލޭކަން ކަށަވަރުކުރުމަށް ރައީސް ވަނީ އަންގަވާފައި،" ނާޡިމް ވިދާޅުވިއެވެ.

ރަސްމާލޭގައި ތިމާވެއްޓާ ރައްޓެހި ޓެކްސީ ނިޒާމެއް ގާއިމުކުރާއިރު އެ އިންވެސްޓްމަންޓާ ގުޅޭ ކަންކަން ސަރުކާރުގެ ކުންފުނިތަކަކުން ނުވަތަ ކުންފުންޏަކުން ހަވާލުވެގެން ކުރިއަށްގެންދެވޭނެ ނިޒާމެއް ރާވައި ކުރިއަށްގެންދިއުމަށް އިކޮނޮމިކް ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަން ވެސް ނާޡިމް ފާހަގަކުރެއްވިއެވެ.

ނާޡިމް ވިދާޅުވި ގޮތުގައި މި ހުރިހާ ކަމެއް މިއަހަރު ތެރޭގައި ކުރުމަށް ރައީސް ވަނީ އަންގަވާފައެވެ.