ޚަބަރު

ގޯއްޗާއި ފްލެޓު ލިބުނު ފަރާތްތަކަށް އަންނަ ހަފުތާގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމާލެވޭނެ: ރައީސް


  • ފްލެޓު ހަވާލުކުރުމުގެ މަސައްކަތް އޭސީސީން އޮތީ ހުއްޓުވާފައި

  • ފައިނަލް ލިސްޓާ އެއްގޮތަށް ގޯއްޗާއި ފްލެޓު ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާ

  • ކުރީ ސަރުކާރުން ފްލެޓާއި ގޯތި ދިން ތަންތަން ބަދަލުނުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވި

ގޯއްޗާއި ފްލެޓު ލިބުނު ފަރާތްތަކަށް އަންނަ ހަފުތާގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި އަދި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ އެތަންތަން ހަވާލުކުރުމަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ހަވާލު ކުރައްވާނެ ކަމަށެވެ. އެ މަސައްކަތް މިހަފުތާއާއި އަންނަ ހަފުތާގައި ކުރިއަށްގެންގޮސް ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެ ތަންތަން ހިއްކުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ގުޅިފަޅާއި، ގިރާވަރު ފަޅުން އިތުރު ބިން ހިއްކުމުށް ތައްޔާރުވަމުން އަންނަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ފްލެޓާއި ގޯތި ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު ކުރީ ސަރުކާރުން ގެޒެޓުކޮށްފައިވާއިރު ފުރަތަމަ 4000 ފްލެޓު ދީފައިވާ ގޮތާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޝަކުވާތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއިން އިން ވަނީ ފެލްޓުތައް ހަވާލުކުރުމުގެ މަސައްކަތް ހުއްޓުވާފައެވެ. އެ މައްސަލަ މިހާރު އެ ކޮމިޝަނުން އަންނަނީ ތަޙްޤީގު ކުރަމުންނެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓަށް އެދި 20،697 މީހުން ފޯމު ހުށަހެޅިއިރު އޭގެ ތެރެއިން 13000 އަށްވުރެ ގިނަ މީހުން ޝަރުތު ހަމަވާކަމަށް ކުރީ ސަރުކާރުން ނިންމެވިއެވެ. އަދި ފުރަތަމަ 4000 ފްލެޓް ލިބޭ މީހުން ކަށަވަރުކޮށްފައިވަނީ އެންމެ މަތިން މާކްސް ލިބުނު މީހުންގެ ތަރުތީބުންކަމަށް ކުރީ ސަރުކާރުގެ ޕްލޭނިންގ މިނިސްޓްރީން ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅާއި ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތައް އެހެން އެއްވެސް ތަނަކަށް ބަދަލުނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.