ޚަބަރު

ޒުވާން އިމާމުން ތަމްރީންކުރުމުގެ މަސައްކަތް ރޯދައިގެ ކުރިން ނިމޭނެ: ޝަހީމް


  • ޚުތުބާ ކިއުމުގެ ހުއްދައަށް 100 ޒުވާނުން ކުރިމަތިލާފައިވޭ

  • ބައވެރިންނަށް ފިޤުހު ތަމްރީނެއް ދިނުމަށް ހަމަޖެހިފައިވޭ

  • މާލެއިން ބައިވެރި ކުދިންނަށް އިންޓަވިއު އަދި ތަމްރީން މާލޭގައި

  • އަތޮޅުތަކުން ބައިވެރިވި ކުދިންނަށް އިންޓަވިއު އަދި ތަމްރީން އޮންލައިންކޮށް

ޒުވާން އިމާމުން ތަމްރީން ކުރުމުގެ މަސައްކަތް ރޯދަމަހުގެ ކުރިން ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޚުތުބާ ކިޔުމުގެ ހުއްދަ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި 100 ޒުވާނުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ފުރުޞަތުގައި ބައިވެރިވި ހުރިހާ ޒުވާނުންނަށް އަންނަ ހަފްތާގައި އިންޓަވިއު ފެށިގެން ދާނެކަމަށެވެ.

އެގޮތުން މާލެ ސަރަޙައްދުން ބައިވެރިވެފައިވާ ޒުވާނުންގެ އިންޓަވިއު ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ ހާޒިރުކޮށްގެން ކަމަށާއި، ރަށްރަށުން ބައިވެރިވި ޒުވާނުންގެ އިންޓަވިއު ކުރިއަށް ގެންދާނީ އޮންލައިންކޮށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ކޮންމެ ބައިވެރިޔަކުވެސް އިންޓަވިއުގައި ޤުރްއާން ކިޔަވަން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން އެ ވުޒާރާގެ އޮންލައިން ވެބްސައިޓުގައި ހިމެނޭ ޚުތުބާއަކުން އެ ބައިވެރިޔަކު ބޭނުންވާ ޚުތުބާއެއް ކިޔުންވެސް ކުރިއަށް ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަރުހަލާތަށް ފުރިހަމަކުރާ ބައިވެރިންނަށް ޚުތުބާ ކިޔުމުގެ ހުއްދަ ދެވިގެންދާނެކަމަށް ވަޒީރު ވިދާޅުވެއެވެ.

އޭގެ އިތުރުން ޚުތުބާ ކިޔުމުގެ ހުއްދަ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވި ޒުވާނުންނަށް ޚާއްސަ ތަމްރީންތަކެއް ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި ތަމްރީންތަކުގައި މާލެ ސަރަހައްދުން ބައިވެރިވި ޒުވާނުން ޚާޒިރުކޮށް އަދި ރަށްރަށުން ބައިވެރިވި ޒުވާނުންނަށް އޮންލައިންކޮށް ތަމްރީން ކުރިއަށް ގެންދާނެކަމަށް ވަޒީރު ވިދާޅުވެއެވެ.

މި ތަމްރީންގެ ދަށުން މޮސްކް މެނޭޖްމަންޓް، ޚުތުބާ ކިއުމުގެ ފަންނު، ޖަނާޒާގެ ކަންކަން، އިމާމުގެ އަޚްލާޤް، މިސްކިތުގެ ދައުރު އަދި ނަމާދުގެ ފިޤުހާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދީނީ ކަންކަމަށް އިސްކަންދީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މިސްކިތްތަކުގައި ތިއްބަވާ އިމާމުންނަކީ ހޭލުންތެރި ބަޔަކަށް ހެއްދެވުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.