ޚަބަރު

ތިލަމާލެ ބްރިޖު 2025 އަށް ވިލިމާލެއާ ހަމައަށް ނިންމާދިނުމަށް ވަނީ އެދިފައި: ރައީސް


  • ސިނަމާލެ ބްރިޖުގެ މަޝްރޫއާ އެއްގޮތަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ބަދަލުކުރެވޭތޯ ބައްލަވާ ކަމަށް ވިދާޅުވި

  • 2025 ނުވަތަ 2026ގެ ކުރީކޮޅަށް މަސަކަތް ނިންމުމަކީ ބޭނުންފުޅުވާ ކަމަށް ވިދާޅުވި

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަސްކޮށް ކަމަށާއި ނަމަވެސް އެ މަސައްކަތް 2025 ވަނަ އަހަރަށް ވިލިމާލެއާ ހަމައަށް ނިންމާދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ ޚާއްސަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވިފަހުން އެމަޝްރޫއުގެ މަސައްކަތް އަވަސްކުރުމަށް އަދި ފުރުސަތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ކުރީ ސަރުކާރުން އެމަޝްރޫއު ކުރިއަށްގެންދާ ކުންފުންޏަށް ވަރަށް ބޮޑަށް އިތުރު ވަގުތު ދެއްވާފައިވާ ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. މިހާރު އޮތް ގޮތުން އެ މަސައްކަތް ނިމޭނީ 2027 ވަނަ އަހަރުގެ ކުރީކޮޅު ނުވަތަ 2026ގެ ފަހޮކޮޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮޕް ސަމިޓްގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ބްރިޖް މަޝްރޫއު އަވަސް ކުރަން ބޭނުންފުޅުވާ ކަމަށާއި ދެޤައުމަށްވެސް އެންމެ ފައިދާހުރި ގޮތަކަށްވާނީ އެގޮތްކަމަށް ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް އަވަސް ކުރެވޭނީ ވެސް ދެ ޤައުމު ގުޅިގެން މަސައްކަތް ކޮށްގެން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިހާރު އޮތީ 2026 ފަހުކޮޅު، 2027 ގެ ކުރީ ކޮޅު. އެހިސާބުގައި. އެހެންވީމަ އަދި ދެ އަހަރު އެބަނަގާ. ވަރަށް ދުވަސް އެއީ. އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ އެހާ ދުވަސް ނަގާނެ ކަމެއް ކަމަށް. އެއީ ތިލަފުއްޓާ ހަމައަށް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިނަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށްގެންދިޔަ ގޮތަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ބަދަލުކުރެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށާއި ދެ ޤައުމުގެ އިސް ފަރާތްތަކުން ނިންމަވައިފިނަމަ މަޝްރޫއު އަވަސް ކުރަން ކުރެވިދާނެ ޓެކްނިކަލް ކަންކަން އެބަހުރި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތިލަމާލެ ބްރިޖްގެ މައިތަނބުތައް ޖެހުމުގައި ވެސް ދިމާވި ކަންތައްތަކެއްގެ ސަބަބުން ދޮޅު އަހަރެއްހާ ދުވަސް މަސައްކަތް ލަސްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު މަސައްކަތް ފެށިގެން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2025 ނުވަތަ 2026ގެ ކުރީކޮޅަށް މަސަކަތް ނިންމުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އަދި ދެފަރާތް ގުޅިގެން އެއްކޮށް މަސައްކަތްކޮށްފިނަމަ މިކަން އަވަސް ކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.