ޚަބަރު

އެމްއެންޔޫއިން ޑިޕްލޮމާ އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން ކޯސް ފަށަނީ


  • އަމާޒަކީ މިދާއިރާއިން ބޭނުންވާ ތައުލީމާއި ތަމްރީނު ދިނުން

  • ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައި

  • ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 25ހާއި ހަމައަށްވަނީ ހުޅުވާލާފައި

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެބުރުއަރީ އިންޓޭކްގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ "ޑިޕްލޮމާ އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން" ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ވިދާޅުވީ "ޑިޕްލޮމާ އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން ކޯހަކީ، ނޫސްވެރިކަމާއި، މަލްޓި މީޑިއާއާއި، މާކެޓިންގއާއި، ޕަބްލިކް ރިލޭޝަންސް އަދި ވިޝުއަލް މީޑިއާ ކޮމިއުނިކޭޝަންސްގެ ވަޒީފާތަކަށް މީހުން ތަމްރީނުކުރުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.

މިކޯހުން ޕަބްލިކް ރިލޭޝަންގެ ދާއިރާއާއި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެދާއިރާއިން ބޭނުންވާ ތައުލީމާއި ތަމްރީނު ދެވޭނެވެ. އެމްއެންޔޫއިން ވިދާޅުވީ ޑިޕްލޮމާއިން ކޯސް ފެށުނު ނަމަވެސް ޑިގްރީއާއި މާސްޓާރސް ކޯސްވެސް ކުރިއަށް އޮތްތަނުގައި ފެށިގެން ދާނެކަމަށެވެ. އެމްއެންޔޫގެ ފެކަލްޓީ އޮފް އަރޓްސްގެ ސީނިއަރ ލެކްޗަރަރ ޑރ.އަހުމަދު ޒަކީ ވިދާޅުވީ މިފަދަ ކޯހެއް ފަށާދިނުމަށް ބައެއް ފަރާތްތަކުން އެދެމުންދާކަމަށެވެ.

" އަޅުގަނޑުމެންގެ މާކެޓް ރިސާރޗް ދައްކާގޮތުން މީ ވަރަށް ކާމިޔާބު ކޯހަކަށް ވާނެ. ކާމިޔާބުކަން ޔަގީން ކުރެވޭތީ މިހާރު ޑިގްރީގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައި ވަނީ. ކާމިޔާބު ކަމާމެދު އެއްވެސް ޝައްކެއްނެތް" އެމްއެންޔޫއިން ވިދާޅުވިއެވެ.

އެމްއެންޔޫއިން ވިދާޅުވީ މި ކޯހުގެ ސަބަބުން ބަދަލުވަމުން އަންނަ މުޖްތަަމަޢުގެ ބޭނުންތަކާ ގުޅޭ ގޮތަށް މީޑިއާ ކޯސްތައް ސިންދަތާފާތު ކުރުމަށް ބާރުއެޅިގެންދާނެކަމަށެވެ. އެއް އަހަރުގެ މިކޯހަކީ މީޑިއާ އާއި ޕަބްލިކް ރިލޭޝަންސް މޮޑިއުލް އެއްކޮށް ޖޮއިންޓް ކޮލިފިކޭޝަނެއް ހަދަން ބޭނުންވާ ދަރިވަރުންނަށް ތަރައްގީކޮށް ފަރުމާކޮށްފައިވާ ކޯހެއް ކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ވިދާޅުވީ މި ކޯހުގެ ތެރެއިން ބްރޯޑްކާސްޓް ޖަރނަލިޒަމް، ރޭޑިއޯ/ޓީވީ ޕްރެޒެންޓަރ، އޮންލައިން ޖަރނަލިޒަމް، އިންވެސްޓިގޭޓިވް ޖަރނަލިޒަމް، ޕަބްލިކް ރިލޭޝަންސް ދާއިރާއިން ތަމްރީން ދެވޭނެކަމަށެވެ.

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން 2024 ވަނަ އަހަރަށް މުޅިން އަލަށް ތައާރަފްކުރާ "ޑިޕްލޮމާ އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން"ގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 25އާއި ހަމަޔަށް ވަނީ ހުޅުވާލާފައެވެ. ޖުމްލަ 3 ސެމިސްޓަރ އެކުލެވޭ މި ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.