ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ދެކުނަށް ކުރި ވިއްސާރައިގައި އައްޑޫ ސިޓީގެ 5 ރަށެއްގެ ގެތަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ހާމަކުރައްވައިފިއެވެ.
ދެކުނުގެ މޫސުން ގޯސްވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މެޓު އޮފީހުންވަނީ މިއަދު މެންދުރު ފުވައްމުލައް ސިޓީއަށާއި އައްޑޫ ސިޓީއަށް އޮރެންޖް އެލަރޓްވެސް ނެރެފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ދެކުނުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ގުގުރުމާއެކުވަނީ ބޯކޮށް ވާރޭ ވެހިފައެވެ. މިގޮތުން މިވޭތުވެދިޔަ 24 ގަޑިއިއަށް ބަލާއިރު މިރޭ 08:00 ޖެހުމާއި ހަމައަށް ސ.ގަމަށް 150 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރިކޯޑުކުރެވިފައިވާއިރު ސ.ހިތަދޫއަށް 111 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރިކޯޑުކުރެވިފައިވާކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.
މިކުރި ވިއްސާރައިގައި އައްޑޫ ސިޓީގެ 5 ރަށެއްގެ ގެތަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިންވަނީ ހާމަކުރައްވާފައެވެ.
މިގޮތުން އައްޑޫ ސިޓީ ފޭދޫގެ 60 ގެއެއްގައި އަދި ހުޅުދޫގެ 10 ގެއެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. އަދި މަރަދޫގެ 13 ގެއަކަށް ފެންވަދެފައިވާއިރު މިގޭތަކުގެ ފެން ހިއްކާ ޢާއްމު ޙާލަތަކަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
27 ޑިސެމްބަރު 2023 ވަނަ ދުވަހު އައްޑުއަތޮޅާއި ފުވައްމުލަކަށް ކުރި ވިއްސާރައިގެ އަދާހަމަ pic.twitter.com/vqP16QJuR4
— NDMA Maldives (@NDMAmv) December 27, 2023
މަރަދޫފޭދޫގެ 5 ގެއެއްގައި ފެންބޮޑުވެ އެއް ގެއަކުން ކަރަންޑުގެ ޚިދުމަތް މެދުކެނޑިގެން ކަރަންޓު ދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
މީގެއިތުރުން އައްޑޫ ސިޓީގެ ހިތަދޫގެ 9 ގެއެއްގެ ގޯތިތެރޭގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތްކޮށްފައިވާކަމަށްވެސް އެއޮތޯރިޓީން ވިދާޅުވެއެވެ. އެހެންނަމަވެސް މިއިން އެއްވެސް ޙާދިސާއެއްގެ ސަބަބުން ގޭގައި ނޫޅެވޭވަރުވެގެން މީހުން ބަދަލުކުރަންޖެހޭ ފަދަ ޙާލަތަކަށް ގޮސްފައިނުވާކަމަށް އެންޑީއެމްއޭއިން ފާހަގަކުރެއްވިއެވެ.
އައްޑޫގައި ފެން ހިންދުމުގެ މަސައްކަތްކުރުމުގައާއި ވެލި ބަސްތާ ޖެހުމުގައި ސިޓީކައުންސިލާއި އަވަށު އޮފީސްތަކާއި ސިފައިންނާއި ފުލުހުންގެ އިތުރުން ރެޑްކްރެސެންޓާއި އާރްޑީސީއާއި އެސިޓީގެ އެކި ކުންފުނިތަކާއި އަމިއްލަ ފަރުދުން ބައިވެރިވެފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
ވިއްސާރައިގައި އައްޑޫ ސިޓީގެ 5 ރަށަށް ލިބުނު ގެއްލުން ވަޒަންކުރުމުގެ މަސައްކަތް، ފެން ހިންދުމުގެ މަސައްކަތް ނިމި ރަށްރަށުގެ ޙާލަތު ޢާއްމު ޙާލަތަކަށް ރުޖޫޢަވުމުން ކުރައްވާނެކަމަށް އެންޑީއެމްއޭއިން މަޢުލޫމާތު ދެއްވައެވެ.
މިއަދު ކުރި ވިއްސާރައިގައި ފުވައްމުލަކުގައިވެސް ފެން ބޮޑުވެފައިވެއެވެ. އެހެންނަމަވެސް ގޭގެއަށް ފެންވަދެ ގެއްލުން ލިބޭ ޙާލަތަކަށް ގޮސްފައިނުވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
White Alert for strong winds and rough seas. pic.twitter.com/N9DBlewjUS
— Maldives Meteorology (@MetMaldives) December 27, 2023
މެޓު އޮފީހުންވަނީ މިހާރުވެސް ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ޔެލޯ އެލަރޓް ނެރެފައެވެ. މިގޮތުން މިރޭ 19:30 އިން ފެށިގެން 00:30 އަށް އެލަރޓްވަނީ ނެރެފައެވެ. މިވަގުތު ތަކުގައި ބޯކޮށްވާރޭވެހި ވިލަގަނޑުގައި 45 މޭލަށް ވައިޖެހޭނެކަމަށްވަނީ ލަފާކޮށްފައެވެ. އަދި ބޯކޮށްވާރޭވެހޭނެކަމާސް ލަފާކުރެވޭތީ ދެކުނުގެ ރަށްތަކުގެ ރައްޔިތުން ސަލާމަތީގޮތުން އެޅެން ހުރި ފިޔަވަޅެއް އެޅުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކުރައްވާފައެވެ. މިގޮތުން ނ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ހަމައަށް މިރޭ 11 އިން ފެށިގެން ފަތިހު 5 ޖެހުމާއިހަމައަށްވަނީ ވައިޓް އެލަރޓް ނެރެފައެވެ. މިގަޑިތަކުގައި ގަޑިއަކު 19 މޭލަށް އަދި ވިލާގަނޑުގައި 24 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުންވަނީ ލަފާކުރައްވާފައެވެ. އެހެންކަމުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ކުރިއަށް އޮތްގަޑިތަކުގައި ސަމާލުވުމަށްވެސްވަނީ އިލްތިމާސްކުރައްވާފައެވެ.