ޚަބަރު

ދިރާގުގެ 2024 ކަލަންޑަރު: ޑިޖިޓަލް ރާއްޖެއަކާއެކު މިފަހަރު ސްނެޕްޗެޓް ގޭމްތަކެއް


  • ކަލަންޑަރު އިފްތިތާޙްކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު

  • "ޑިޖިޓަލް ރާއްޖެ" އެއްގެ ތަޞައްވުރު ދައްކުވައިދޭ

  • ކޮންމެ މަހެއްގެވެސް ކުރެހުމާއި ގުޅުވާލާފައިވާ 12 ސްނެޕްޗެޓް ގޭމް ހިމެނޭނެ

ދިރާގުން އެ ކުންފުނީގެ 2024 ވަނަ އަހަރުގެ ކަލަންޑަރު "އިންޓު ދަ ފިއުޗަރ" ލޯންޗުކޮށްފިއެވެ.

މީރުމާ ހޯލުގައި ބޭއްވި ޚާއްސަ ޙަފްލާއެއްގައި ދިރާގުގެ އައު އަހަރުގެ ކަލަންޑަރު އިފްތިތާޙްކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. މި ޙަފްލާގައި ދިރާގުގެ އިސްވެރިންގެ އިތުރުން ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ.

ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު، އަލަށް މި ލޯންޗުކުރި 2024 ވަނަ އަހަރުގެ ކަލަންޑަރުން ދައްކުވައިދެނީ ތުއްތު ކުއްޖެއްގެ ލޮލުން މިހާރަށްވުރެ ކުރިއަރާފައިވާ "ޑިޖިޓަލް ރާއްޖެ" އެއްގެ ތަޞައްވަރުކަމަށް ދިރާގުން ބުނެއެވެ. އެގޮތުން ކުރިއަރަމުންމިދާ ޓެކްނޮލޮޖީގެ ސަބަބުން މުސްތަޤުބަލުގައި އާންމު ދިރިއުޅުން ލުއިފަސޭހަވެ އިތުރަށް މުއްސަނދިވެފައިވާ ގޮތް ކަލަންޑަރުގެ ގަނޑުތަކުން ދައްކުވައިދޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ދިރާގުގެ އައު ކަލަންޑަރު ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މުވާސަލާތުކުރުމާއި ޑިޖިޓަލް ޓޮކްނޮލޮޖީގެ ދާއިރާ ރާއްޖޭގައި ކުރިއަރުވާ އެކަމަށް އާންމުން އަހުލުވެރިކުރުމުގައި ދިރާގުގެ ދައުރު ބޮޑުކަމަށެވެ.

"ރާއްޖެއަކީ ޖަޒީރާ ރަށްތަކެއް. އެއް ރަށުން އަނެއް ރަށަށް މުވާސަލާތުކުރެވޭނެ މާ ބައިވަރު ވަޞީލަތްތަކެއް ކުރިއަކުންނެތް. ދިވެހިރާއްޖޭގެ ގުޅުން ދިވެހިން ގުޅުވައިދިނީ. އަދި ދިވެހިރާއްޖޭގެ ގުޅުން ދިވެހިން ޓެކްނޮލޮޖީއަށް ހުޅުވާލަދިނީ." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ޓެކްނޮލޮޖީއަކީ މިހާރު އެއާނުލާ ނުޅެވޭނެ އެއްޗެއްކަން ފާހަގަކުރައްވާ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، އެއީ މީހުންގެ ވިސްނުމާއި ޤައުމެއްގެ ކުރިއެރުމާވެސް ގުޅިފައިވާ އެއްޗެއްކަމަށެވެ. އެހެންކަމުން މިހާ މުހިންމު ވަޞީލަތެއް ޒިންމާދާރުކަމާއެކު ބޭނުންކުރުން މުހިންމުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ތަޢުލީމީ ނިޒާމުގެ ތެރެއިންވެސް ޓެކްނޮލޮޖީގެ ބޭނުން މިހާރަށްވުރެއް ފުރިހަމައަށް ހިފޭނެގޮތްތައް ހޯދާ، ޑިޖިޓަލް ޓެކްނޮލޮޖީއަށް ލޯހުޅުވިފައިވާ ކުދިންތަކެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށެވެ. އަދި އެކަމުގައި ދިރާގުފަދަ ކުންފުނިތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ދިރާގުގެ އެހީތެރިކަން މިކަމަށް އަޅުގަނޑުމެން ނުލާހިކު ބޭނުން. ޓީޗަރުން ތަމްރީންކުރުން، ސްކޫލްތަކުގައި އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން، އަދި އެކިއެކި ދިރާސާތަކާއި ހޯދުންތައް އަޅުގަނޑުމެން ކަރިކިއުލަމްގެ ތެރެއަށް އިންޑަގްރޭޓްކުރުން، މިހުރިހާ ކަމެއްގައި ދިރާގަކީ އަޅުގަނޑުމެންނަށް ބޭނުންކުރެވިދާނެ ވަރަށް ބޮޑު ވެހިކަލްއެއްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ، އަލީ ރިޔާޒް ވިދާޅުވީ، ކަލަންޑަރުގައި ދައްކުވައިދޭ "ޑިޖިޓަލް ރާއްޖެ" އެއްގެ ތަޞައްވަރަކީ ދިރާގުން ވެސް އެކަމަށް މަސައްކަތް ކުރާ ކަމެއް ކަމަށެވެ.

އެގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މިހާރަށްވުރެ ފަސޭހަކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރިޔާޒް ވިދާޅުވީ، މި ކަލަންޑަރުގެ ސަބަބުން ކުރިއަށްވުރެ ފާގަތި މުސްތަޤުބަލެއް ބިނާކުރުމަށް މިއަދުގެ ޒުވާން ޖީލު "އިންސްޕަޔަރ" ވެގެންދާނެ ކަމަށްވެސް އުއްމީދުކުރައްވާ ކަމަށެވެ.

މި ކަލަންޑަރުގައި ކޮންމެ މަހެއްގެވެސް ކުރެހުމާއި ގުޅުވާލާފައިވާ 12 ސްނެޕްޗެޓް ގޭމް ވަނީ ހިމަނާފައެވެ. އެގޮތުން ކަލަންޑަރުގައި ވާ ސްނެޕްކޯޑް ސްކޭންކޮށް، ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް ގޭމް ކުޅުމަށްފަހު އެފަރާތެއްގެ ސްކޯގެ ސްކްރީން ޝޮޓެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓަރގައި DhiraaguCalendarGames# މި ހޭޝްޓެގާއެކު ޕޯސްޓުކުރެވޭނެކަމަށް ދިރާގުން ބުނެއެވެ.

މިގޮތަށް ޕޯސްޓްކުރާ ސްކްރީން ޝޮޓްތަކުން ކޮންމެ 3 މަހަކު ދިރާގުން ޚާއްސަ ގުރުވަތެއް ބާއްވާ، ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުގައި ޓެކް ބަންޑްލްއެއް ލިބިގެންދާނެއެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ އިސްސަފުގައި ދެމިތިބުމަށްކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުސްތަޤުބަލެއްގައި އެފަރާތްތަކަށް ކުރިއެރުމަށް މަގުފަހިކޮށްދިނުމަށެވެ.