ޚަބަރު

އެކަކަށްވެސް ކުންފުނި އުފައްދާ ހިންގޭގޮތަށް ގެނައި ބަދަލާއެކު ކުންފުނީގެ ބިލު ތަސްދީޤުކުރައްވައިފި


  • ކުންފުނި ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ކަންކަން މިހާރު ފަސޭހަވާނެ

  • މަޖިލީހުން މި ބިލް ފާސްކުރީ މިމަހުގެ 5 ވަނަ ދުވަހު

  • މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2024 އިން ފެށިގެން

އެކަކަށްވެސް ކުންފުނި އުފައްދާ ހިންގޭގޮތަށް ގެނައި ބަދަލާއެކު ކުންފުނީގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ ޑިސެންބަރު 5 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މިއީ ދިވެހިރާއްޖޭގައި ކުންފުނި އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ހަމަތަކާއި، ކުންފުނިތަކާ ބެހޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭނެ އެނޫންވެސް އުޞޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ވިޔަފާރި ޝަޚްޞެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި، އެކަމުގައި ޢަމަލުކުރާނެ އުސޫލުތަކާއި އިޖްރާޢަތުތައް ބަޔާންކުރުން ހިމެނެއެވެ.

ކުންފުނި ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ކަންކަން ފަސޭހަގޮތެއްގައި ކުރެވޭނެ އިލްތިޒާމުތައް ކަނޑައެޅުމާއި، އިޤްތިޞާދުގައި ޙަރަކާތްތެރިވާ ވިޔަފާރިތަކުން ކުރާ އެކިއެކި މުޢާމަލާތްތަކަށް ހާމަކަމާއި، ޔަޤީންކަން ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި، ކުންފުނިތަކުގެ ދަފްތަރު އެކުލަވާލުމާއި، ބެލެހެއްޓުމާއި، ޢާންމުކުރުމާބެހޭ އުޞޫލުތައް ކަނޑައެޅުންވެސް މި ޤާނޫނުގައި ހިމެނެއެވެ.

މި ޤާނޫނުގެ ދަށުން ޕްރައިވެޓް ކުންފުންޏާއި، ޕަބްލިކް ކުންފުންޏާއި، ސަރުކާރުގެ ކުންފުންޏާއި، ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދޭނެކަމަށާއި އުފެއްދޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އަދި ބޭރުގެ ކުންފުނި ރީ ރަޖިސްޓްރީ ކުރުން މި ޤާނޫނުގެ ދަށުން ލާޒިމުކޮށް، ރީ ރަޖިސްޓްރީ ކުރާނެ ގޮތްތަށް ބަޔާންކޮށްފައިވެއެވެ.

މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެންމެ މީހަކަށް ވެސް ކުންފުނި އުފައްދާ ހިންގޭ ގޮތަށް ގެނެސްފައިވާ ބަދަލެވެ. ކުރިން މިޤާނޫނުގައި އޮންނަ ގޮތުން ކުންފުންޏެއް ރަޖިސްޓްރީ ކުރެވޭނީ އެކަކަށް ވުރެ ގިނަ މީހުން ގުޅިގެންނެވެ. އެކެއްގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓްރީ ކުރާ ނަމަ އެކަން ކުރަން ޖެހޭނީ ސޯލް ޕްރޮޕްރައިޓާއެއްގެ ގޮތުގައެވެ.

މިހާރު ގެނެސްފައިވާ ބަދަލާއެކު ކުންފުނީގެ މެމްބަރުންގެ ގޮތުގައި މަދުވެގެން 1 އަދި 50 އަށްވުރެ ގިނަނުވާނެހެން މެމްބަރުން ކަނޑައެޅިދާނެއެވެ. އަދި ކޮންމެ ޕްރައިވެޓް ކުންފުންޏެއްގައި، ހުރިހާ ވަގުތެއްގައިވެސް މަދުވެގެން 1 ޑިރެކްޓަރަކު ހުންނަން ޖެހެއެވެ.

ކޮންމެ ޕަބްލިކް ކުންފުންޏެއްގައި މަދުވެގެން ތިބެން ޖެހެނީ 2 ޑިރެކްޓަރުންނެވެ. ސަރުކާރުގެ ކޮންމެ ކުންފުންޏަކާއި، ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން 3 ޑިރެކްޓަރުން ތިބެންޖެހެއެވެ.

ކުންފުނި ރަޖިސްޓްރީ ކުރުމުގެ ފީތަކަށްވެސް މިހާރު ވަނީ ބަދަލު ގެނެވިފައެވެ. އެގޮތުން ކުންފުނި ރަޖިސްޓްރީ ކުރާއިރު ދައްކަން ޖެހެނީ 2000 ރުފިޔާއެވެ. އަދި އަހަރީ ފީ ދައްކަން ދެން ނުޖެހޭނެއެވެ. އަދި ކުންފުނި ރަޖިސްޓްރީ ކުރާއިރު ގެންނަ ވަކިވަކި ބައެއް ބަދަލުތަކަށް ފީތަކެއް ދައްކަން ޖެހޭނެއެވެ.

އިތުރަށް ދައްކަން ޖެހޭ ބައެއް ފީތަކަށް ބަލާއިރު ހިންގާ ގަވާއިދު ބަދަލު ކުރުމަށާއި ރަޖިސްޓްރީ އެޑްރެސް ބަދަލު ކުރަން އަދި ކުންފުނީގެ ރައުސުލްމާލު ބަދަލު ކުރުމުގެ އިތުރުން ކުންފުނީގެ ސިއްކަ ރަޖިސްޓްރީ ކުރުމުގެ ފީ ކޮންމެ ކެޓަގަރީއަކަށް 100 ރުފިޔާ ދައްކަން ޖެހެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2024 އިން ފެށިގެންނެވެ.