ޚަބަރު

ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމުގެ ހާލަތު ދިރާސާކޮށް، އިތުރަށް ތަރައްޤީކުރަނީ


  • ވިލިމާލެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތައް ދެނެގަނެވޭނެ

  • ވިލިމާލޭގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ކަރަންޓުގެ ޑިމާންޑް ސްޓަޑީއެއް ހަދާނެ

  • ވިލިމާލޭގެ އިންފްރާންސްޓްރަކްޗަރގެ ހާލަތު ދެނެގަތުމަށް ފަންނީ ދިރާސާއެއް ކުރާނެ

ވިލިމާލޭގެ ފެނާއި ނަރުދަމާ ނިޒާމުގެ ހާލަތު ދިރާސާކޮށް، އިތުރަށް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ހަވާލުކޮށްފިއެވެ.

މިފަހުމުނާމާގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤް އިބްރާހިމްއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

މި ފަހުމުނާމާގެ މަޤްޞަދަކީ، މިހާރު ވިލިމާލޭގައި އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކާއި، މިހާރު ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތަކާއި، އެ މައްސަލަތައް ޙައްލުކުރުމަށް ކުރަންހުރި މަސައްކަތްތަކަކީ ކޮބައިކަން ދެނެގަތުމެވެ.

ފަހުމުނާމާގެ ދަށުން ކުރިއަށް އޮތް ވިހި އަހަރު ތެރޭ ވިލިމާލޭގެ ޑިމާންޑް ބަލައި، ކަރަންޓް ކެޕޭސިޓީ އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، މަރާމާތުކުރުމަށާއި، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ދެނެގަނެ މިނިޒާމު ތަރައްޤީކުރުމަށް މަޝްރޫޢުއެއް އެކުލަވާލައި އެ މަޝްރޫޢު ތަންފީޛުކުރާނެ ގޮތުގެ އެކްޝަންޕްލޭނެއް ތައްޔާރު ތައްޔާރުކުރެވޭނެއެވެ.

ވިލިމާލޭ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ ވިލިމާލޭގެ ފެނާއި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް ތަރައްގީކުރެވިގެން އަންނައިރު ވިލިމާލޭގެ ހުސް ބިންތަކުގައި އިތުރު އިމާރާތައް އަޅާ މިހާރު ހުރި އިމާރާތްތައް އިތުރައް އުސްކުރެވޭނެ ކަމަށެވެ. މިމަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

" ސްޓެލްކޯއާއި އެމްޑަބުލިއުއެސްސީއަކީ ގްރޭޓާރ މާލެ ރީޖަންގައި މި ދެ ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދެއްވާ ފަރާތް. މި ފަދަ މަސައްކަތްތަކަކީ އަޅުގަނޑުމެންގެ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭކަމަކަށް ވާތީ މި ދަނީ މި ދެ ފަރާތާއެކީ ވަރަށް ގާތުން މަސައްކަތް ކުރަމުން. އެ މަސައްކަތް ކުރުމުގެ ބޭނުމަކީ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި މި ދެ ޚިދުމަތް ފޯރުކޮށްދިނުން
" ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.

ފަހުމުނާމާގެ ދަށުން ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭންގެ މަޢުލޫމާތު ކަމާގުޅޭ ވުޒާރާ މެދުވެރިކޮށް ފޯރުކޮށްދިނުމާއި، ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކޮށްދިނުމާއި، ސަރުކާރުގެ އެކި މުއައްސަސާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގައި އެހީތެރިވެދޭނެއެވެ. އަދި މީގެ ދަށުން ތައްޔާރުކުރެވޭ މަޝްރޫއާއި އެކްޝަންޕްލޭން އިކޮނޮމިކް ކައުންސިލަށް ހުށަހަޅާ ފާސްކޮށްދިނުމުގައި އެހީތެރިވެދޭނެއެވެ.

ފަހުމުނާމާގެ ދަށުން ސްޓެލްކޯއިން ވިލިމާލޭގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ކަރަންޓުގެ ޑިމާންޑް ސްޓަޑީއެއް ހެދުމާއި، ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗަރގެ ޙާލަތު ދެނެގަތުމަށް ފަންނީ ދިރާސާއެއް ކުރުމާއި، ދިރާސާގެ އަލީގައި ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗަރގެ ކެޕޭސިޓީ އިތުރުކުރަންޖެހޭ މިންވަރު ކަނޑައަޅާނެއެވެ.

އަދި މި ދިރާސާގެ އަލީގައި، ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗަރ މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް ބޭނުންވާނެ އިންވެސްޓްމަންޓުގެ އަދަދު ކަނޑައެޅުމާއި، ވިލިމާލޭގައި ގާއިމުކޮށްފައިވާ އިންފްރާންސްޓްރަކްޗަރ މަރާމާތުކޮށް އަޕްގްރޭޑް ކުރުމަށް މަޝްރޫޢެއް އެކުލަވާލައި އެ މަޝްރޫޢު ތަންފީޛުކުރާނެގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުން ސްޓެލްކޯގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

މިމަސައްކަތް ހަވާލުކުރައްވާފައިވަނީ ފަހުމުނާމާގައި ސޮއިކުރާ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.