ކުޅިވަރު (IOIG)

ރަސްފަންނުގައި ކުރިއަށްދާ ޓީޓީ ހަރަކާތް ރައީސް ބައްލަވާލައްވައިފި


" ޓޭބަލްޓެނިސް އެންމެނަށް " މިޝިޢާރުގެ ދަށުން ރާއްޖޭގައި ކުރިޔަށް ގެންދާ ޙަރަކާތް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްލަވާލައްވައިފިއެވެ.

އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުން ދުނިޔޭގެ އެކިހިސާބުތަކުގައި މިހާރު ކުރިޔަށް ގެންދާ މިޙަރަކާތް ދިވެހިރާއްޖޭގައި ފަށާފައިވަނީ މިއަދު ހަވީރު ރަސްފަންނު ބީޗް ސަރަޙައްދުގައެވެ. މި ޙަރަކާތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަޑައިގެން، މިކަން ކުރިޔަށްދާ ގޮތް ޓޭބަލްޓެނިސް އެސޯސިއޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވައި ވަނީ އޮޅުންފުލުއްވާފައެވެ. އަދި މިކަން ވީހާވެސް ރަނގަޅަކަށް ގިނަ މީހުންނަށް ބައިވެރިވެވޭނެ ގޮތަށް ކުރިޔަށް ގެންދިއުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"ޓޭބަލްޓެނިސް އެންމެނަށް" މި ޙަރަކާތް ރަސްމީގޮތުން ފަށްޓަވައިދެއްވީ ޔޫތު މިނިސްޓަރ އަޙްމަދު ޒުހޫރުއެވެ. މިނިސްޓަރ ޒުހޫރު ވިދާޅުވީ މީ ވަރަށް ރަނގަޅު ޙަރަކާތެއް ކަމަށާއި ވަކިން ޚާއްޞަކޮށް މިކުޅިވަރު ކުރިއެރުވުމަށް މިފަދަ ޙަރަކާތެއް ހިންގުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. މިކަން ސަރުކާރުންވެސް ވަރަށް ރަނގަޅަށް ބަލައިގެންފިކަމަށާއި ޓޭބަލް ޓެނިސް ކުރިއެރުވުމަށް އެސޯސިއޭޝަނާ ގުޅިވަޑައިގެން މިހާރުވެސް ސަރުކާރުން ވަރަށް ގިނަ ކަންކަން ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ޒުހޫރު ވިދާޅުވިއެވެ.

ޓޭބަލް ޓެނިސް އެންމެނަށް، މިޝިޢާރުގެ ދަށުން ފެށި މިޙަރަކާތް ސައުވީސް ގަޑިއިރުވަންދެން ހުއްޓުމެއް ނެތި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.