ކުޅިވަރު

ނަބީހާ ބެޑްމިންޓަން ސިންގަލްސް ފައިނަލަށް


ބެޑްމިންޓަން އޯޕަން ސިންގަލްސްގެ ފައިނަލަށް ނަބީހާ އަބްދުލް ރައްޒާގް ދަތުރުކޮށްފިއެވެ.

މޮރީޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އޯޕަން ސިންގަލްސްގެ ފައިނަލުން ނަބީހާ ޖާގަ ހޯދީ މިއަދު ހެނދުނު ކުޅުނު ސެމީފައިނަލްގެ މެޗުގައި މޮރީޝަސްގެ އައުރޭލީ އާލޭ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ފުރަތަމަ ލީޑް ނެގީ މޮރީޝަސްގެ އާލޭ، އެހެންނަމަވެސް ފުރަތަމަ އެގޭރަ ޕޮއިންޓް ހަމަކޮށް ބްރޭކް އާއި ހަމައަށް ދިޔައީ ނަބީހާ ކުރީގައި އޮވެގެންނެވެ. މި ސެޓުގައި ނަބީހާ ލީޑް އަތުން ގެއްލިފައެއް ނުވެއެވެ. ފުރަތަމަ ސެޓު ނިމުނީ 21-16 އިން ނަބީހާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ސެޓުގައިވެސް ފުރަތަމަ ލީޑް ނެގީ މޮރީޝަސްގެ ކުޅުންތެރިއާއެވެ. މިގޮތުން ދެވަނަ ސެޓު ފަށައިގެން ތިން ޕޮއިންޓްގެ ލީޑެއް މޮރީޝަސްގެ ކުޅުންތެރިއާ ނަގާފައިވަނިކޮށް ނަބީހާ ވަނީ މަޑުމަޑުން ކުޅުން ރަގަނޅުކޮށް ލީޑް ހޯދާ މެޗް ކާމިޔާބުކޮށްފައެވެ.

އަދި މިސެޓުގެ ބޮޑުބައި ނަބީހާ ކުޅެމުންދިޔައީ ފަސް ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ސެޓުވެސް ނަބީހާ ކާމިޔާބުކުރީ ފުރަތަމަ ސެޓު ކާމިޔާބުކުރި ސްކޯއިންނެވެ. އެއީ 21-16 އިންނެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާއެވެ. ފައިނަލްގައި ނަބީހާ ނިކުންނާނީ ސީޝެލްސްގެ އަލިސެން ކަމިލް އާއެވެ.