ޚަބަރު

ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް ބޭއްވި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި


  • މުބާރާތުގެ ތީމަކީ "ޑިމޮކްރަސީއަށް – ދިވެހިންގެ ދަތުރު"

  • މުބާރާތުގައި 70 ފަރާތަކުން ވަނީ ކުރެހުން ހުށަހަޅާފައި

މިއަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭއްވި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަ ހޯދި ފަރާތްތަކަށް އިނާމް ދީފިއެވެ.

މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތު އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މިރަސްމިއްޔާތުގައި ކުރެހުމުގެ މުބާރާތުން ވަނަ ހޯދި ފަރާތްތަކަށް ފައިސާގެ އިނާމާއި ހަނދާނީ ލިޔުންވަނީ ހަވާލުކޮށްފައެވެ.

ދެއުމުރު ފުރައަކަށް ބަހާލައިގެން ބޭއްވި ކުރެހުމުގެ މުބާރާތުގެ މުޅި މުބާރާތުން 1 ވަނައަށް ހޮވިފައިވަނީ ޢާއިޝަތު އީޝާލް ޢަލީއެވެ. މުޅި މުބާރާތުން 2 ވަނައަށް ހޮވުނީ އަޙުމަދު އަތޫފް އަލީއެވެ. އަދި 3 ވަނައަށް ހޮވިފައިވަނީ ރާހީ އަޙްމަދު ސަޢީދެވެ.

ކުރެހުމުގެ މުބާރާތުގެ 14 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރާއިން 1 ވަނައަށް ހޮވިފައިވަނީ ޢާއިޝަތު އީޝާލް ޢަލީއެވެ. ދެވަނަ އަށް ހޮވުނީ އަޙުމަދު އަތޫފް އަލީއެވެ. އަދި 3 ވަނައަށް ހޮވުނީ ރާހީ އަޙްމަދު ސަޢީދު ހުށަހެޅި ކުރެހުމެވެ.

18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާއިން 1 ވަނައަށް ހޮވިފައިވަނީ ޢާއިޝަތު އަމްނާ އަލީއެވެ. 2 ވަނައަށް އިބްރާހީމް މިމްޝަލް މުޙައްމަދު ހޮވުނުއިރު 3 ވަނައަށް ހޮވުނީ ޢާފިޔާ މުޙައްމަދުއެވެ.

މިމުބާރާތުގައި ކޮންމެ އުމުރުފުރާއަކުން 1 ވަނައަށް ދިޔަ ފަރާތައް 3،000 ރުފިޔާ، 2 ވަނައަށް ދިޔަ ފަރާތައް 2،000 ރުފިޔާ، އަދި 3 ވަނައަށް ދިޔަ ފަރާތަށް 1،500 ރުފިޔާ ވަނީ ދީފައެވެ. އަދި މުޅި މުބާރާތުން 1 ވަނައަށް ދިޔަ ފަރާތައް 7،000 ރުފިޔާ، 2 ވަނައަށް ދިޔަ ފަރާތައް 5،500 ރުފިޔާ، އަދި 3 ވަނައަށް ދިޔަ ފަރާތައް 4،000 ރުފިޔާވަނީ ދީފައެވެ.

މި އަހަރުގެ މުބާރާތް ކުރިއަށްދިޔައީ "ޑިމޮކްރަސީއަށް – ދިވެހިންގެ ދަތުރު" މިތީމަށެވެ. މިއަހަރުގެ މުބާރާތުގައި 70 ފަރާތަކުން ވަނީ ކުރެހުން ހުށަހަޅާފައެވެ.