އިމާމުވެ ހުކުރުކޮށް، ޚުޠުބާ ކިޔުމުގެ ހުއްދަ ސްކޫލް ނިންމާ ދަރިވަރުންނަށް ދިނުމަށްޓަކައި ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 70 ދަރިވަރަކު ފޯމު ހުށައަޅާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ސްކޫލް ކުދިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބިޖައްސާ، ދީނުގެ ޝިޢާރުތައް ކުރިއަރުވާ ބައެއްގެ ގޮތުގައި އެކުދިންގެ ތަރުބިއްޔަތު ކުރެވޭނެ މަގުފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިގޮތުން ރާއްޖޭގެ ރަށްރަށުގައި ޚަޠީބުން މަދުވުމުގެ މައްސަލަ ޙައްލުކޮށް ޒުވާން އިމާމުން ބިނާކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ސްކޫލް ކުދިންނަށް އަމާޒުކޮށް ހުކުރުކޮށް ޚުޠުބާ ކިޔުމުގެ ހުއްދަ ދިނުމަށް ނިންމަވާފައެވެ.
އެވުޒާރާއިން ވިދާޅުވީ، މިގޮތުން ހުޅުވާލި ފުރުޞަތުގައި ސްކޫލް ކުދިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އެގޮތުން ގުރޭޑް 10 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ ނަމާދުގެ ފިޤުހަށް އަހުލުވެރި ކުދިންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިޔުމުގެ ފުރުޞަތު ދިނުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 70 ފަރާތަކުން ފޯމު ހުށައަޅާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އަދިވެސް ދަރިވަރުންގެ ފަރާތުން މަޢުލޫމާތު އޮޅުންފިލުވަމުންދާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން ވިދާޅުވީ މިއީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޚަޠީބުންނާއި، އިމާމުން ލިބުމުގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމެއްކަމަށެވެ. މީގެކުރިން ހުކުރުކުރުމާއި ޚުޠުބާ ކިޔުމުގެ ހުއްދަދެއް ވަނީ ވަކި ޚާއްސަ ސަނަދަކާއެކުގައެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ހުކުރު ޚުޠުބާ ޓީވީއިން ދައްކާއިރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ފެންނަގޮތަށް ހަމަޖެއްސުމަށްވެސް ނިންމަވާފައެވެ. މިކަން އަންނަ އަހަރުން ފެށިގެން ތަންފީޒުކުރުމަށްވަނީ ނިންމަވާފައެވެ.
ދީނީ ކަންކަމަށް އިސްކަންދީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މިސްކިތްތަކުގައި ތިއްބަވާ އިމާމުންނަކީ ހޭލުންތެރި ބަޔަކަށް ހެއްދެވުމުގެ މަސައްކަތްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.
މިގޮތުން އިމާމުންގެ ތެރެއިން މާސްޓަރސް ޑިގްރީ ޙާސިލްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޕީ.އެޗް.ޑީއަށް ދާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ ހުޅުވާލާފައެވެ. މިޕްރޮގްރާމަށްވެސް ތަރުހީބު ލިބެމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.