ޚަބަރު

މާލޭ ސަރަޙައްދުން ފެނުނު ކޭސްތަކާއެކު ފައިލޭރިއާ ޖެހުނު މީހުންގެ ޢަދަދު 32 އަކަށް


  • މިހާތަނަށް ޖުމްލަ 683 މީހުން ސްކްރީންކޮށްފައިވޭ

  • އޭގެ ތެރެއިން 32 މީހުން ވަނީ ޕޮޒިޓިވް ވެފައި

  • އެއީ މާލެ ސަރަޙައްދުގެ 7 ކޭސްއާއި ކުޅުދުއްފުށިން ފެނުނު 25 ކޭސް

މާލޭ ސަރަޙައްދުން ފެނުނު ފައިލޭރިއާގެ ކޭސްތަކާއެކު، ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 32 އަކަށް އަރައިފިއެވެ. މާލޭ ސަރަޙައްދުގެ އިތުރުން ފައިލޭރިއާގެ ކޭސްތައް އަތޮޅުތަކުން މިވަގުތު ފެނިފައިވަނީ ކުޅުދުއްފުށި ސިޓީންނެވެ. އަދި ބަލި މިހާތަނަށް ފެނިފައިވަނީ ބިދޭސީންގެ ގައިންނެވެ.

ކުޅުދުއްފުށީގައި ހިންގުން ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިންގ ކެމްޕޭންގެ ތެރެއިން ފައިލޭރިޔާގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ލަފަޔާއެކުގައި ފައިލޭރިޔާއަށް ސްކްރީން ކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ކުރަމުންނެވެ.

އެގޮތުން މި މަސައްކަތުގެ ދަށުން ކުޅުދުއްފުށިން ޖުމްލަ 439 ބިދޭސީ މީހުން ވަނީ ބައްޔަށް ޓެސްޓުކޮށްފައެވެ. މީގެ ތެރެއިިން 25 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ދިވެހިންގެ ތެރެއިން 155 މީހުން ކުޅުދުއްފުށިން ބައްޔަށް ޓެސްޓުކޮށްފައިވާއިރު އެއްވެސް ދިވެއްސަކު ޕޮޒިޓިވް ވެފައެއްނުވެއެވެ.

މާލޭ ސަރަޙައްދުގައިވެސް ސްކްރީން ކުރުމުގެ މަސައްކަތް ވަނީ ފާއިތުވި ދެ ދުވަހު ކުރިއަށް ގެންގޮސްފައެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ، ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، އަދި ތިލަފުށީގައި ކަމަށެވެ. މައިގަނޑު ގޮތެއްގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަތް ގެންގޮސްފައިވަނީ ބިދޭސީން މަސައްކަތް ކުރާ ސައިޓުތަކުގައެވެ.

އެގޮތުން މިމަހުގެ 22 އަދި 23 ވަނަ ދުވަހު ކުރެވުނު ޓެސްޓުތަކުގެ ނަތީޖާއަށް ބަލާއިރު ހުޅުމާލެއިން ޖުމްލަ 29 މީހުން ޓެސްޓުކޮށްފައިވާއިރު 5 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ވިލިމާލެއިން 10 މީހުން ޓެސްޓުކޮށްފައިވާއިރު އެއްވެސް މީހަކު ޕްޒިޓިވް ވެފައެއްނުވެއެވެ. ގުޅީފަޅުން 20 މީހުން ސްކްރީންކޮށްފައިވާއިރު އެކަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ތިލަފުށިން 15 މީހުން ސްކްރީންކޮށްފައިވާއިރު، އެ އެންމެންވެސް ވަނީ ނެގެޓިވްވެފައެވެ. މީގެ އިތުރުން މާލެއިން 15 މީހުން ސްކްރީން ކުރިއިރު، އޭގެތެރެއިން އެކަކު ވަނީ ބައްޔައް ޕޮޒިޓިވް ވެފައެވެ.

މާލެ ސަރަޙައްދުން ޖުމްލަ 89 މީހުން ބައްޔަށް ސްކްރީންކޮށްފައިވާއިރު އޭގެ ތެރެއިން 7 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ފައިލޭރިޔާއަށް މިހާތަނަށް ޖުމްލަ 683 މީހުން ސްކްރީންކޮށްފައިވާއިރު އޭގެ ތެރެއިން 32 މީހުން ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.

އެޗް.ޕީ.އޭއިން ވަނީ މިހާތަނަށް މި ބަލި އެއްވެސް ދިވެއްސެއްގެ ކިބައިން ފެނިފައިނުވާކަމަށް ވިދާޅުވެފައެވެ. އަދި މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި ބިދޭސީން ނިސްބަތްވާ ޤައުމުތަކުގެ މަޢުލޫމާތު އެ އެޖެންސީން ވަނީ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ގިނައިން އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.

އެގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 10 މީހުންނާއި، ބިހާރުގެ 18 މީހުންނާއި، ޓަމިލްނާޑޫގެ އެކަކާއި ގޯޕާލްޖަންގުގެ އެކަކު ހިމެނެއެވެ. މީގެ އިތުރުން ދެން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 2 މީހުންނެވެ.

އެޗްޕީއޭއިން ވިދާޅުވީ، މި ބައްޔަށް ޕޮސިޓިވްވާ ފަރާތްތަކަށް ބޭސްފަރުވާކުރުމުގެ ކަންކަން ކުރިއަށްގެންދަނީ އެ އެޖެންސީގެ ބެލުމުގެ ދަށުންކަމަށާއި، މިހާތަނަށް ޕޮޒިޓިވްވި ހުރިހާ އެންމެނަށްވެސް ބޭސް ދެވިފައިވާކަމަށެވެ.

ފައިލޭރިއާއަށް ޓެސްޓް ކުރުމުގެ މަސައްކަތް ދިވެހީންނާއި ބިދޭސީން ހިމެނޭހެން އެޗް.ޕީ.އޭއިން އަންނަނީ ފުޅާކޮށް ކުރަމުންނެވެ.