ޚަބަރު

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް ފަށައިފި


  • އެރަށަށް ފަށަނީ ސީޕްލޭންގެ ޝެޑިއުލް ދަތުރުތަކެއް

  • ކޮންމެ ހަފްތާއެއްގައިވެސް އާދިއްތަ އަދި ބުރާސްފަތީގައި ދަތުރުކުރާނެ

  • ޑިމާންޑަށް ބެލުމަށްފަހު ދަތުރުތައް އިތުރުކުރާނެ

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް ފަށައިފިއެވެ.

އެގޮތުން ކޮންމެ ހަފްތާއެއްގެ އާދިއްތަަ އަދި ބުރާސްފަތި ދުވަހު އެ ރަށަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ކުރުމަށް މޯލްޑިވިނުންވަނީ ނިންމާފައެވެ.

މިއީ ބ. އަތޮޅުގައި ފަތުރުވެރިކަން ފުޅާވަމުންދާއިރު، އެކަމަށް އެއްބާރުލުން ދިނުމަށް ކުރާ ދަތުރުތަކެއް ކަމަށާއި، ޑިމަންޑާއި އެއްވަރަށް ދަތުރުތައް އިތުރުކުރުމަށް ވިސްނާފައިވާ ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.

މި ދަތުރުތަކާއި ގުޅޭގޮތުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިލްޔާސް ވިދާޅުވީ، މިއީ މޯލްޑިވިއަނުން ރާއްޖޭގެ ފަތުރުވެރިން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ފަށާ ދަތުރުތަކެއް ކަމަށެވެެ. އަދި ސީޕްލޭންގައި ދަތުރުކުރުމަކީ ފަތުރުވެރިންނަށްވެސް ތަފާތު ތަޖުރިބާއަކަށްވެގެންދާނެކަމެއް ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ބ. ފުޅަދޫއަށް ފަށާފައިވާ މި ދަތުރުތަކާއެކު ބ. އަތޮޅު ފެހެންދޫ އަދި ގޮއިދޫއަށްވެސް ދަތުރުކުރާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ދެކެއެވެ.