ޚަބަރު

ސަރުކާރުދާނީ ރައްޔިތުން އުއްމީދުކުރާ ސްޕީޑްގައި ބާރަށް: ވަޒީރު ސަޢީދު


  • ވަޒީރުވަނީ ހަފްތާ ބަންދުގައި ހއ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރައްވާފައި

  • މި ދަތުރުފުޅު ކާމިޔާބުކަމަށް ވަޒީރު ވިދާޅުވި

  • ވަޒީރު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ނަތީޖާ ނެރެންކަމަށް

ސަރުކާރު ދާނީ ރައްޔިތުން އުއްމީދުކުރާ ސްޕީޑްގައިކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ މި ހަފްތާ ބަންދުގައި ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ވަޒީރު ސަޢީދު ވަނީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަންދޫބެއްގެ ގޮތުގައި، ހއ.ގެ ރައްޔިތުންނާއި ގާތަށް ކުރެވުނީ ކާމިޔާބު ދަތުރުފުޅެއްކަމަށް ވިދާޅުވެފައެވެ.

ރައްޔިތުން ބޭނުންވަނީ ނަތީޖާ ނެރެން ކަމަށާއި، ސަރުކާރުދާނީ ރައްޔިތުން އުއްމީދުކުރާ ސްޕީޑުގައި ބާރަށްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ 14 ރަށަކަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. ވަޒީރުގެ އަރިހުގައި ވުޒާރާގެ ސިޔާސީ އިސްވެރިނާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

ސަރުކާރުން ދަނީ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ޙާޞިލުކުރަން ބޭނުންވާ ކަންތައްތައް ކަނޑައަޅާ އެ ކަންތައްތައް ޙާޞިލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ސަރުކާރުގެ "ހަފުތާ14"ގެ ފުރަތަމަ 4 ހަފުތާގައި ޙާޞިލުކުރުމަށް އަމާޒުހިފި ހުރިހާކަމެއް ސައްތައިންސައްތަ ފުރިހަމަ ކޮށްފައިވާކަމަށްވެސް ސަރުކާރުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް މައި ދޮރާށި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތް އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ހުޅުވުމަށް އެ ޓަރމިނަލުގެ މަސައްކަތް އަވަސް ކުރުމަށް ފަށްޓަވާފައި މަސައްކަތަކީ ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތެވެ. އަދި މި މަސައްކަތް ހަލުވި ކުރުމަށްވެސް ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ބޯހިޔާވަހިކަމުގެ ޖުމްލަ ހައްލެއް ހޯދައިދިނުމަށް ފުށިދިއްގަރުފަޅު ހިއްކާ، ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުވެސް ސަރުކާރުން ވަނީ މިދިޔަ ހަފްތާތެރޭގައި ފަށާފައެވެ.