ޚަބަރު

ބިދޭސީންގެ އާބާދީ ބޮޑު ސަރަޙައްދުތަކަށް އިސްކަންދީގެން ފައިލޭރިއާއަށް ސްކްރީން ކުރަނީ


  • ބިދޭސީން ގިނައިން އުޅޭ ރަށްރަށުގައި ފައިލޭރިއާއަށް ސްކްރީންކުރުމުގެ މަސައްކަތްދަނީ ކުރަމުން

  • މާލެ ސަރަޙައްދުގައި މިހާރުދަނީ ސްކްރީނިންގ ކުރިއަށްގެންދަމުން

  • ކުޅުދުއްފުށީގައި ޚާއްސަ ޓާސްކްފޯސްއެއްވަނީ އެކުލަވާލާފައި

ފައިލޭރިއާގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސްކްރީނިންގ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ސްކްރީނިންގއެއްގައި ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާ ބަޔަކު ފެނުމާއި ގުޅިގެން މާލެ ސަރަޙައްދުގައިވެސް މިފަދަ ސްކްރީނިންގއެއްވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސްކްރީނިންގ ޕްރޮގްރާމްގައި ހުޅުމާލެއިން ވަނީ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައެވެ. މިއާއެކު ބަލި ހުރި މީހުން ތިބިތޯ ދެނެގަތުމުގެ މަސައްކަތް ފުޅާކުރުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމަވާފައެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗް.ޕީ.އޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ މުޙައްމަދު ޙަމްޒަތު ވިދާޅުވީ، މާލެ ސަރަޙައްދުގައި އިތުރަށް ސްކްރީނިންގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށެވެ.

"މިހާރު އަޅުގަނޑުމެން ބޮޑަށް ފޯކަސްކޮށްގެން މަސައްކަތްކުރަނީ ގްރޭޓަރމާލެ އޭރިއާގެ އެހެނިހެން ސައިޓުތަކާއި ތަންތަން ސްކްރީންގކޮށް ބަލި ހުރި މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން." ޙަމްޒަތު ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ބިދޭސީން ގިނައިން ތިބި ސައިޓުތައް ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ޙަމްޒަތު ވިދާޅުވިއެވެ. މީގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގައި ބިދޭސީން ގިނައިން ތިބި ރަށްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދަކަމަށް ޙަމްޒަރު ވިދާޅުވިއެވެ.

ހަމައެއާއެކު ކުނީގެ ނުރައްކާ ބޮޑު ސަރަޙައްދުތަކާއި، ނަޖިސް ފެނުގައި މަދިރި އާލާވުމުގެ ފުރުޞަތު އޮތް ރަށްރަށުގައިވެސް ސްކްރީނިންގ ކުރިއަށްގެންދިޔުމަށްވަނީ ނިންމަފައެވެ.

"އިކޮނޮމިކް މިނިސްޓްރީއާއި އިމިގްރޭޝަން މެދުވެރިކޮށް ރައްޖޭގެ ކޮންކޮން ރަށްތަކެއްގައިތޯ ގިނަ ބިދޭސީން ތިބީ ބަލާ، އެފަދަ ރަށްތަކުގައި ސްކްރީނިންގ ކުރުމަށް އެބަ ވިސްނަން." ޙަމްޒަތު ވިދާޅުވިއެވެ.

ބަލިން ރއްކާތެރިވުމަށްޓަކައި ސްކްރީނިންގ ވަރުގަދަ ކުރުމަށްދަނީ މަސައްކަތްކުރަމުންނެވެ. މިކަމަށްޓަކައި ބޭނުންވާ ޓެސްޓް ކިޓްތައް އިތުރަށް ހޯދުމުގެ މަސައްކަތް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯއާއި ގުޅިގެން ކުރިއަށްގެންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ފައިލޭރިއާއިން ރައްކާތެރިވުމަށް ޢާއްމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް އެކި ގޮތްގޮތުން ދަނީ ކުރަމުންނެވެ. ބިދޭސީންގެ ތެރެއިން ބަލި ފެނުމާއި ގުޅިގެން އެކި ބަސްބަހުން މި މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް މުޅި ރާއްޖޭގައި ވަނީ ފަށާފައެވެ.

ރާއްޖެއަކީ ފައިލޭރިއާ ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި 2016 ވަނަ އަހަރު ޑަބްލިއު.އެޗް.އޯ.އިންވަނީ ކަނޑައަޅާފައެވެ. ރާއްޖެއިން އިމްޕޯޓެޑް ކޭސްތަކެއް ފެނުމާއި ގުޅިގެން ރާއްޖޭގެ މިބަލި އޮތް ސްޓެޓަސްއާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

މިބަލި ރާއްޖެއިން ފެނިފައިވާއިރު ހުރިހާ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ އަވަށްޓެރި ޤައުމުތަކުގެ ބިދޭސީންގެ ގައިންނެވެ. މިބަލި ދިވެއްސެއްގެ ގައިން ފެނިފައިނުވިނަމަވެސް ދިވެހިން ސްކްރީންކުރުމަށް ރެންޑަމް ސާމްޕަލް ނަގަމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ފައިލޭރިއާއާއި ގުޅޭގޮތުން ރާއްޖޭގައި 1960 ވަނަ އަހަރު ހެދި ދިރާސާއަކުން އާބާދީގެ 6 އިންސައްތަ މީހުންގެ ހަށިގަނޑުންވަނީ މިބަލީގެ ޖަރާސީމު ފެނިފައެވެ. ބަލި ނައްތާލުމަށް ރާއްޖޭގެ ސިއްޙީ ޚިދުމަތްތެރިން ކުރެއްވި ބުރަ މަސައްކަތުން ބަލި ނައްތާލެވުނުކަމަށް ކަނޑައަޅާފައިވަނީ 2016 ވަނަ އަހަރުގައެވެ.