ޚަބަރު

ރަސްމާލެ މަޝްރޫޢަކީ ބޯހިޔާވަހިކަމަށް ކުރިއަށް އޮތް 50 އަހަރުގެވެސް ޙައްލު: ފަޒުލް


  • ހުޅުމާލެ 1 އަދި 2 ފިޔަވަހިވެސް މިހާރުވަނީ ފުރިފައި

  • ބޯހިޔާވަހިކަމަށް އަދި އެނޫންކަންކަމަށް ބިން ބޭނުންވާއިރު ރަސްމާލެއަކީ އެކަމުގެ ހައްލު

  • މިހާރުދަނީ މާސްޓަރޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރަމުން

"ރަސްމާލެ" މަޝްރޫޢުއަކީ ކުރިއަށް އޮތް 50 އަހަރަށް ރާއްޖޭގެ ބޯހިޔާވަހިކަމަށް އޮތް ޙައްލުކަމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި "ރަސްމާލެ" ސިޓީގެ ތަފްޞީލު ހާމަކުރައްވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، ރާއްޖޭގައި ގެދޮރުވެރިކަމެއް ނެތް އެތައް ބަޔަކު ތިބިއިރު، ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ފަހިކުރާނެ ބިމެއް ނެތްކަމަށެވެ.

އެގޮތުން އެޗް.ޑީ.ސީގެ ދަށުން ހުޅުމާލޭގައި ބިން ނެތްކަން ފަޒުލް ފާހަގަކުރެއްވިއެވެ. އެހެންކަމުން 65000 ހައުސިންގ ޔުނިޓުގެ މަސައްކަތާއެކު ފެށިގެންދިޔަ ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ކުރިއަށް އޮތް 50 އަހަރު ދުވަހަށް ގެނެސްދޭ ޙައްލުކަމަށް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ، މިހާރު ފެންނަން އޮތް ހުޅުމާލެ އެއޮތް ހިސާބަށް ތަރައްޤީކުރުމަށް 20 އަހަރު ހޭދަވެފައިވާކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މިއަދު އަމާޒު ހިފާފައިވަނީ އެ ސްޕީޑް އަވަސްކޮށް ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ޒަމާންވީ މި މައްސަލައަށް ޙައްލެއް ގެނެސްދިނުމަށްކަމަށް ފަޒުލް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ މިއީ ކުރިއަށް އޮތް 50 އަހަރަށް ބޯހިޔާވަހިކަމަށް ގެންނަ ޙައްލެކޭ. އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށްވެސް މީގެ މަންފާކުރާނެ. ހުޅުމާލޭ ފޭސް 1 އަދި 2 ވެސް އޮތީ ތޮއްޖެހި ނިމިފައި. އެޗްޑީސީއަތުގައި މިހާރު ބިމެއް ނެތް. 20 އަހަރު ދުވަހުން ހުޅުމާލެ ފުރުނުއިރު، މިހާރު އެކި ކަންކަމަށް ކަނޑައަޅާފައިވާ ބިންތަކުގެ މަސައްކަތް ނިމޭއިރު ދެވަނަ ފިޔަވަހީގައިވެސް ބިމެއް ނޯންނާނެ.

ރަސްމާލޭގެ ތަފްޞީލު ހިއްސާކުރައްވަމުން ފަޒުލް ވިދާޅުވީ، "ރަސްމާލެ" މަޝްރޫޢަކީ އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ ކޮންސެޕްޓެއްކަމަށްވުމުން އެތަނުގެ މާސްޓަރ ޕްލޭން ތަރައްޤީކުރާނީ މިފަދަ ސިޓީތައް ޕްލޭންކުރުމުގެ ބޭރުގެ ފަންނީ ތަޖުރިބާކާރުންގެ އެހީ ހޯއްދަވައިގެންކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނޫންވެސް ސަރުކާރުގެ މުވައްސަސާތަކާއެކު މިހާރު މަޝްވަރާކުރަމުންދާކަން ފަޒުލް ފާހަގަކުރެއްވިއެވެ. ފަޒުލް ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި "ރަސްމާލެ" މަޝްރޫޢުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށް ނިމޭނެކަމަށެވެ.

ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ރަސްމާލެ ތަރައްޤީކުރައްވާނެކަމަށް ސަރުކާރުން ހާމަކުރައްވާފައިވާއިރު މި މަސައްކަތް ކުރަމުންދަނީ އެޗްޑީސީއިންނެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުނުކޮށް 1150 ހެކްޓަރުގެ ބިން ހިއްކުމަށް ބަދަލުގެ ގޮތުގައި 50 އަހަރަށް 70 ހެކްޓަރުގެ ބިން އެކުންފުނިތަކަށް ދިނުމަށް މި މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއްވެސް ޙާލަތެއް ކުރިމަތިވެއްޖެނަމަ ބިން އަނބުރާ އެޗް.ޑީ.ސީއަށް ނެގޭނެކަމަށްވެސް މި އެއްބަސްވުމުގައި ހިމަނާފައިވާކަމަށް އެޗް.ޑީ.ސީއިން މަޢުލޫމާތުދެއެވެ.