ޚަބަރު

ރަސްމާލެ ހިއްކަނީ ބިން ވިއްކައިގެން އަގުއަދާކުރާ އުސޫލުން: ފަޒުލް


  • 3 ކުންފުންޏާކާ މަސައްކަތް ހަވާލުކުރީ ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު

  • ބަދަލުގައި ދެނީ ހުޅުމާލެއިން 10 ހެކްޓަރު ފުށިދިއްގަރުފަޅުން 60 ހެކްޓަރުގެ ބިން

  • މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން ކުރިއަށް އޮތް 8 މަސް ދުވަހުގެތެރޭގައި ހިއްކާނެ

"ރަސްމާލެ" ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ ބިން ވިއްކައިގެން އަގު އަދާކުރާ، ކޯޕަރޭޓް ގެރެންޓީ އުސޫލުގެ ދަށުންކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.

"ރަސްމާލެ" މަޝްރޫޢާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، މިމަސައްކަތް ހަވާލުކޮށްފައިވާ 3 ކުންފުނިންޏާއި މަސައްކަތް ޙަވާލުކުރީ އެފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢެވެ. މި މަޝްރޫޢުގެ އަގާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފަޒުލް ވިދާޅުވީ، މިމަޝްރޫޢު ކުރިއަށް ގެންދަނީ ބިން ހިއްކައިގެން އެބިން ވިއްކައިގެން އަގު އަދާކުރާ އުސޫލުގެ ދަށުން ކޯޕަރޭޓް ގެރަންޓީއާ އެކުގައިކަމަށެވެ.

ރަސްމާލެ ތަރައްޤީކުރުމަށް ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން ހިއްކުމުގެ ބަދަލުގެ ގޮތުގައި މިމަޝްރޫޢުގެ ކޮންޓްރެކްޓްގައިވާ ގޮތުން މިތިން ކުންފުންޏަށް ދޭންޖެހެނީ، 70 އެކްޓަރުގެ ބިންކަމަށް ފަޒުލް ވިދާޅުވިއެވެ. މިގޮތުން 10 ހެކްޓަރުގެ ބިން ދިނުމަށް މިއެއްބަސްވުމުގެ ދަށުން ނިންމާފައިވަނީ ހުޅުމާލެއިންނެވެ. އަދި އަނެއް 60 ހެކްޓަރުގެ ބިން ދިނުމަށް ހަމަޖެހިފައިވަނީ އަލަށް ހިއްކާ ފުށިދިއްގަރުފަޅުންނެވެ.

"އަގެއްގެ ވާހަކަ އަޅުގަނޑުމެން ފާހަގަކުރީ މިލޭންޑް ވިއްކައިގެން އަގު އަދާކުރާގޮތަށް ޕްރޮގްރެސިވް ޑިވެލޮޕްމަންޓަކާއެކުގައި ފައިސާ ދައްކާ އުސޫލުން. ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތި އަޅުގަނޑުމެން ކުންފުނިން ޒިންމާވާގޮތަށް ކޯޕަރޭޓް ގެރަންޓީއަކާއެކު ފަށާ މަޝްރޫޢުއެއްގޮތުގައި." ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ބިން ދޫކުރާނީ، ބިން ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް ހެދިފައިވާ މާސްޓަރޕްލޭންތަކުގައި ޖާގަދޭ މަސައްކަތްތައް ކުރުމަށެވެ. މި ބިންތައް އެކުންފުނިތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 49 އަހަރާއި 50 އަހަރާ ދެމެދުގެ މުއްދަތަކަށްކަމަށް ފަޒުލް ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތްކުރަމުންދަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާއި ނެދަލޭންޑްސްގެ ބޮސްކާލިސްއާއި، ޗައިނާ ސްޓޭޓެވެ.

ފަޒުލް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ހުޅުމާލޭގައި ހުރި ބިންތައް ރައްޔިތުންނަށް ދޫކުރުމުން، މިހާރު ހުޅުމާލޭ ފޭސް 1 އަދި 2ގައިވެސް އިތުރުކަމެއްގައި ބޭނުންކުރާނެ ބިމެއް ނެތްކަމަށެވެ. އެހެންކަމުން ރަސްމާލެ ތަރައްޤީކުރުމަށް ހިއްކާ ބިމަކީ އެޗްޑީސީއަށް އިތުރުވާ ބޮޑު އެސެޓެއްކަމަށާއި، ކުރިއަށް އޮތްތަނުގައި އިތުރު މަޝްރޫޢުތައް ހިނގުމުގައި ކުންފުންޏަށް އިތުރު ބާރަކަށް ވެގެންދާނެކަމަށްކަމަށް ފަޒުލް ވިދާޅުވިއެވެ.

ރަސްމާލެ ތަރައްޤީކުރުމަށް 1153 ހެކްޓަރުގެ ބިން ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިމޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިސަރަޙައްދުން ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ހަމަޖެހިފައިވާއިރު މިއީ ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ކަރބަން ފްރީ ސިޓީއެވެ.