ޚަބަރު

އަމާޒަކީ ދެވަނަ ޓާމުގެ ކިޔެވުން ފެށުމުގެ ކުރިން މާލޭ ޖަލު ހުސްކުރުން: ކަރެކްޝަންސް


  • މާލޭ ޖަލު ހުސްކުރަނީ ދަރުމަވަންތަ ސްކޫލްގައި ކިޔަވާ ކުދީންނަށް ނޭދެވޭ އަސަރު ކުރާތީ

  • މިކަމާއި ގުޅިގެން މާފުށީ ޖަލުގައި އިތުރު ޖާގަތައް މިހާރު ދަނީ ހަދަމުން

  • ކަރެކްޝަންސްގެ 5 އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމުގެ މަސައްްކަތް ކުރިއަށް އެބަދޭ

  • ޖަލުގައި ތިބޭ ގައިދީންނަށް ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ގޮތުން ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ

މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަމާޒަކީ ދެވަނަ ޓާމް ފެށުމުގެ ކުރިން މާލެ ޖަލުގައި ތިބި ޤައިދީން ބަދަލުކުރުންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ފަރާތުން އެސިސްޓެންޑް ކޮމިޝަނަރ މުޙައްމަދު އާސިފް ވަނީ އެންމެ ބޮޑަށް ފޯކަސް ކޮށްގެން މިވަގުތު ކުރާ އެއްކަމަކީ މާލޭ ޖަލު ހުސްކުރުން ކަމަށެވެ.

ދަރުމަވަންތަ ސްކޫލާއި އިންވެގެން މާލޭ ޖަލު ހުރުމާއި ގުޅިގެން ދަރުމަވަންތަ ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ބައެއް ނޭދެވޭ ކަންތައްތަކާއި ގުޅިގެން މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް އޭސީޕީ މުޙައްމަދު އާސިފް ވިދާޅުވިއެވެ. އަދި މާލޭ ޖަލުގައި ތިބި ޤައިދީން އެހެން ޖަލުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީޕީ އާސިފް ވިދާޅުވީ، ޤައިދީން ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން މިހާރު މާފުށީ ޖަލުގެ ބައެއް ޔުނިޓްތަކުގައި ތިބި ޤައިދީންނަށް ބައެއް ބަދަލު ގެނެސް، މާފުށީ ޖަލުގައި އިތުރު ޖާގަތައް މިހާރު ހަދަމުން ދާކަމަށެވެ. އަދި އައްސޭރި ޖަލުގައިވެސް އިތުރު ޖާގަތައް ހަދާ، މަލޭ ޖަލުގައި ތިބި ޤައިދީން އެ ޖަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ދަނާލް ފުރަގަހުގައި ހުންނަ ކަރެކްޝަންސްގެ އެން.އެކްސް.ވަން ބިލްޑިންގ އަށް ބައެއް ބަދަލުތައް ގެނައުމަށް މިހާރު މަސައްކަތް ފަށާފައި ވާކަމަށްވެސް އޭސީޕީ ވަނީ ވިދާޅުވެފައެވެ. އެގޮތުން ކޯޓު ކޭސްތަކާއި، ބޭސްފަރުވާއަށް މާލެ ގެންނަ ޤައިދީން އެތަނުގައި ބޭތިއްބޭނެ އިންތިޒާމް ހަމަޖެސުމަށް އެތަނުގެ ބައެއް މަރާމާތުތައް ކުރިއަށް ގެންދާކަމަށްވެސް އޭސީޕީ އާސިފް ވިދާޅުވިއެވެ.

އާސިފް ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 5 އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް ދާކަމުގައި ވިދާޅުވެފައެވެ. އަދި މި މަސައްކަތް ކުރިއަށް ދަނީ ޔޫ.އެސް.އޯ.ޑީ.ސީގެ ފަންނީ ލަފާޔާއެކު ކަމަށާއި، ޔޫ.އެސް.އޯ.ޑީ.ސީގެ ކޮންސަލްޓެންޓުންނާއެކު ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި މި ޕްލޭނަށް ބޭނުންވާނެ މަޢުލޫމާތު ހޯދުމަށް، އެކި ބައްދަލުވުންތައް ބާއްވާފައިވާކަމަށެވެ. އާސިފް ވިދާޅުވީ، އުންމީދަކީ ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި މި ސްޓްރެޖިކް ޕްލޭން އެކުލަވާލައިި އެއަށް ބޭނުންވާ އިތުރު ޚިޔާލު ހޯދުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް ފޮނުވުންކަމަށެވެ.

"އަޅުގަނޑުމެން މިހާރު ކުރިއަށް އެބަގެންދަމު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 5 އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް. މި މަސައްކަތް ކުރިއަށް މިގެންދަނީ ޔޫ.އެން.އޯ.ޑީ.ސީގެ ކޮންސަލްޓެންޓުންނާއި އެކީގައި ވޭތުވެދިޔަ ދުވަސްތަކުގަ ބައްދަލުވުންތައް ބޭއްވިގެން." އޭސީޕީ މުޙައްމަދު އާސިފް ވިދާޅުވިއެވެ.

މީގެއިތުރުން ޖަލުގައި ތިބޭ ބައެއް ޤައިދީންނަށް ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ގޮތުން ހިންގާ ބައެއް ކަހަލަ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދާކަމުގައިވެސް އޭސީޕީ ވަނީ ވިދާޅުވެފައެވެ. އަދި އުންމީދަކީ ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ޤައިދީންނަށް މި ޕްރޮގްރާމްތަކުން އެކި ހުނަރުތައް ދަސްވެ، އެ ހުނަރުތައް އާންމުންނަށާއި ވަކިން ޙާއްސަކޮށް ރާއްޖެއަންނަ ފަތުރުވެރިންނަށް ދެއްކުން ކަމުގައި އޭސީޕީ މުޙައްމަދު އާސިފް ވަނީ ވިދާޅުވެފައެވެ.