ޚަބަރު

ނޮވެމްބަރމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ %21 އިތުރު


  • މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން 429 މިލިއަން ރުފިޔާގެ އާމްދަނީއެއް

  • ރާއްޖެއަށް 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި

  • އެކްސްޕޯޓް ވަނީ %32 އިތުރުވެފައި

މިއަހަރުގެ ނޮވެމްބަރ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ %21 އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރ މަހު އިމްޕޯޓް ވަނީ ދަށްވެފައެވެ. ނަމަވެސް އެކްސްޕޯޓް ވަނީ އިތުރުވެފައެވެ.

މިއަހަރުގެ ނޮވެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ޖުމްލަ އަގަކީ 4.3 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 4.4 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ %2 ދަށްވުމެކެވެ.

ނޮވެމްބަރ މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަދަދު އިތުރުވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިއަހަރުގެ ނޮވެމްބަރ މަހު ރާއްޖެއިން 216 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 165 މިލިއަނުގައެވެ. އެހެންކަމުން މިއީ %32 އިތުރުވުމެކެވެ.

ނޮވެމްބަރ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީވެސް ވަނީ %21 އިތުރުވެފައެވެ. 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހު 355 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ނޮވެމްބަރ މަހު މި ޢަދަދުވަނީ 429 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ނޮވެމްބަރ މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ، އިންޑިއާ، އޮމާން، ސިންގަޕޫރު އަދި ޗައިނާއެވެ. ޔޫ.އޭ.އީ އިން 664 މިލިއަން މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 651 މިލިއަން ރުފިޔާގެ މުދާ، އޮމާން އިން 513 މިލިއަން ރުފިޔާގެ މުދާ، ސިންގަޕޫރުން 421 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 420 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް އަދި އިންޑިއާއަށްކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.