ޚަބަރު

ރައީސް ކުރައްސަވާލަދެއްވި ރަސްމާލޭގެ ތަޞައްވުރު، ރާއްޖޭގެ ފުރަތަމަ އިކޯ ސިޓީ!


  • ރާއްޖޭގައި ހިއްކާ އެންމެ ބޮޑު ބިން

  • ޒަމާނީ ހުރިހާ ވަސީލަތެއް ޤާއިމްކުރާނެ

  • މި ސިޓީ ތަރައްޤީކުރުމަށް 20 އަހަރުގެ މާސްޓަރ ޕްލޭނެއް އެކުލަވާލާނެ

ފުށިދިއްގަރުފަޅު މަޝްރޫޢުއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ޖުމްލަ ޙައްލެވެ. އެތަނަކީ ބޯހިޔާވަހިކަމުގެ އިތުރުން ޒަމާނީ ހުރިހާ ޚިދުމަތާއެކު އިޖުތިމާޢީ ހުރިހާ މައްސަލައެއްގެ ޙައްލު ލިބޭގޮތަށް ތަރައްޤީކުރާ ރަސްމާލެއެވެ.

ރަސްމާލެ ހިއްކުމުގެ މަސްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ތަސައްވުރު ކުރަހާލަދެއްވާފައެވެ. ރައީސް ސިފަކޮށްދެއްވީ، އެސިޓީގެ ފުރިހަމަކަމާ، ހިތްގައިމުކަމުގެ އިތުރަށް ރައްޔިތުންގެ އެތައް އުދާސްތަކަކަށް ނިމުންގެނުވާ މަންޒަރެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން ފުށިދިއްގަރު ފަޅު ތަރައްޤީ ކުރެއްވުމުގެ ވިސްނުންފުޅު ހުރީ ދުނިޔޭގެ ތަރައްޤީވެފައިވާ ބޮޑެތި ސިޓީތަކާ ހަމައަށް މި ކުޑަކުޑަ ރާއްޖެ ގެންދިއުމުގެ މަގުންނެވެ. ކާރުބާރު ބޮޑު މާލެސީޓީއާއި، މިހާރު މީހުން އާބާދުވެ ފުރެމުންދާ ހުޅުމާލެއާ، ރަސްމާލެ ސިޓީ ހުރިހާ ގޮތަކުންވެސް ތަފާތެވެ. އެންމެ ބޮޑު ތަފާތަކަށް ފެނިގެންދާނީ ހުރިހާ ޚިދުމަތެއް ލިބޭނެ ސިޓީއަކަށް ވުމެވެ.

މޯލްޑިވްސް އިކޯ ސިޓީ

ރަސްމާލެ ތަރައްޤީކުރާނީ، ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަރނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެންނެވެ މެދަށް ތިން މީޓަރު އުސްމިން، އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެގޮތަށެވެ. ހަމައެއާއެކު، ފެހިކަން ގަދަ، ވަރަށް ހިތްގައިމު މާޙައުލެއް ލިބިގެންދާ ތަނަކަށް އެތަންވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރަސްމާލެ ސިޓީއަކީ، ޒީރޯ ކާރބަން ސިޓީއަކަށް ހަދާނެއެވެ. މާނައަކީ އެތަނުގައި ދުއްވާ ހުރިހާ އުޅަނދުފަހަރުވެސް ތިމާވެށްޓާ ރައްޓެހި އުޅަނދަށް ވާނެކަމަށެވެ. ހުރިހާ އުލަނދެއްގައިވެސް ބޭނުންކުރާނީ އިލެކްޓްރިކް ނިޒާމު، ނުވަތަ ބެޓެރީ ނިޒާމެވެ. އަދި އެތަނުގައި ތަރައްޤީކުރާ ގެދޮރާއި، އެހެން ހުރިހާ ކަމެއްގައިވެސް ބޭނުންކުރާނީ އިޔާދަކުރަނިވި ހަމަކަތައެވެ.

"ފެހި، އެންވަޔަރަންމަންޓަލް ފްރެންޑްލީ، އިކޯ ސިޓީއަކަށް މިތަން ހަދާނީ. މިތަން ވާނީ އިންޓަރނޭޝަނަލީ ބްރޭންޑް ކުރެވިގެންދާއިރުގައި، އިރާދަކުރެއްވިއްޔާ މިތަން އަޅުގަނޑުމެން ކަނޑައަޅާނީ މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ހިއްކާ އެންމެ ބޮޑު ބިން

ރަސްމާލެ ޤާއިމްކުރުމަށް ހިއްކާ ބިމަކީ މިހާތަނަށް ރާއްޖޭގައި ހިއްކާ އެންމެ ބިޔަ އަދި ބޮޑު ބިމެވެ. މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލާއިރުގައި އޮންނާނީ ހިކިފައެވެ. 1153 ހެކްޓަރުގެ ބިމަކީ، ބޮޑުމިނަށް ބަލާނަމަ، ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ގާތްގަނޑަކަށް ތިންގުނައެވެ.

އެހެންވީމާ، އަޅުގަނޑުމެންނަކީ އިރާދަކުރެއްވިއްޔާ، ވާ ވަޢުދު، ވީގޮތަށް ފުއްދާނެ ބައެއް. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައިވެސް ދިވެހި ރައްޔިތުންނަށް ފެނިގެންދާނީ، އަޅުގަނޑުމެންގެ ކިބައިން އިޚްލާޞްތެރިކަން، ތެދުވެރިކަން، އަމާނާތްތެރިކަން. ރައްޔިތުންނާ އެކީގައި، ރައްޔިތުން ބޭނުންވާ ތަރައްޤީ، ރައްޔިތުން ބޭނުންވާ ދުވެލީގައި، ރައްޔިތުންގެ ވިންދާއި އިޙްސާސާ އެއްގޮތަށް ގެނެސްދޭ ސަރުކާރެއް މިއީ. އެގޮތުގައި އަޅުގަނޑުމެން ދާއިމަށް ތިބޭނެ ވާހަކަ ހަމަ ރައްޔިތުންނަށް ޢަމަލީގޮތުން ދައްކަމުންދާނަން. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަތުރުފަތުރަށްވެސް އިންޤިލާބީ ބަދަލެއް

ރައީސްގެ ތަސައްވުރުގައި ރަސްމާލޭގެ މަޝްރޫޢުއާއެކު ދަތުރުފަތުރުގެ ނިޒާމަށްވެސް އިންގިލާބީ ބަދަލެއް އަންނާނެއެވެ. އެގޮތުން ރަސްމާލެއާއި މާލެއާއި ދެމެދު ބޭނުންކުރާނީ ޒަމާނީ އެކްސްޕްރެސް ޓްރާންސްޕޯޓް ނިޒާމެކެވެ.އެގޮތުން ބޭނުންކުރާނި ކަނޑުގެ ރޯޅި، ނުވަތަ އޮއި، ނުވަތަ ރާޅުގެ އުނދަގޫނުވާ ލޯންޗްފަހަރެވެ. ރައީސް ވިދާޅުވީ އެފަދަ ފެރީ ނިޒާމު ދުނިޔޭގެ ބައެއް ސަރަހްދުތަކުގައި މިހާރުވެސް ބޭނުންކުރަމުން އަންނަކަމަށެވެ. އެކަހަލަ ހައި ސްޕީޑް ނިޒާމު ގެނައުމަށް އެމަނިކުފާނު ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ

މީގެ އިތުރުން ވައިގެމަގުންވެސް ރަސްމާލެއާއި ހުޅުލެ ގުޅާލާނެއެވެ. އެގޮތުން ރަސްމާލެއާއި އެންމެ ކައިރީގައި އޮތް ފަޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް އުނދަގޫނުވާނެ ގޮތަކަށް، އިތުރު އެއަރ ސްޓްރިޕެއްވެސް ޤާއިމުކުރާނެއެވެ.

"އެހެންވީމާ، މިތަން ޑިވެލޮޕްވެގެން ދާނީ، ގެދޮރުގެ މަންޒިލަކަށް. ވަޒީފާގެ މަންޒިލަކަށް ވެގެން، އާމްދަނީގެ ފުރުޞަތުތައް ލިބޭ އަދި އެކި ކަހަލަ ވިޔަފާރީގެ ފުރުޞަތުތައް ލިބޭ ތަނެއްގެ ގޮތުގައި. މިތަނަކީ އިންކްލޫސިވް ޑިވެލޮޕްމަންޓެއްގެ ގޮތުގައި، މުޖުތަމަޢުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަކަށް ފަސޭހައިން އުޅެވޭ ތަނެއްގެ ގޮތުގައި ޕްލޭން ކުރެވިގެން ދާނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަސްމާލޭގެ އަނެއް ޚާއްޞަ ސިފައަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެ ސިޓީގެ ކޮންމެ ތަނަކަށް ފަސޭހަކަމާއެކީ ދެވޭގޮތަށް ޑިޒައިން ކުރެވިފައިވުމެވެ. މަގު ނުވަތަ ޢާންމު މައިދާންތައް، ނުވަތަ އިމާރާތްތައް، ތަރައްޤީ ކުރެވޭނީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކީގައި، އުފަލާއެކީގައި، ޝާމިލްވެ އުޅެވޭގޮތަށެވެ. އެހެންކަމުން ރަސްމާލެ ސިޓީ ވަނީ މޯލްޑިވްސް އިކޯ ސިޓީ އެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ހިމެނިގެންދާ، ހުރިހާ ގޮތަކުންވެސް އިންކްލޫސިވް ސިޓީއަކަށެވެ.

މިއީ އެއްތަނަކުން ހުރިހާ ޚިދުމަތެއް ލިބޭނެ ސިޓީގެ ތަސައްވުރުގައި ތަރައްޤީކުރާ ނަމޫނާ ސިޓީއެކެވެ. ސްކޫލާ، ޔުނިވާސިޓީތައް ހިމެނޭހެން އައިޓީ، އަދި ނޮލެޖް ޕާކްތަކާ، އިންޑަސްޓްރިއަލް ޕާކްތައް މިސިޓީގައި ހުންނާއެވެ. މީގެ އިތުރުން ޞިއްހީ އަދި ޒަމާނީ މުވާސަލަތީ ޚިދުމަތްތައް ހިމެނޭނެއެވެ. އަދި ޒުވާނުންނަށް ބޯހިޔާވަހިކަމާ، ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ގޮތައް ފަރުމާކޮށް ކުރަހާލާފައި އޮތް ކުރެހުމުގައި ކުލަ ޖެހިދާއިރު މިއީ ރައްޔިތުންގެ އެންމެ ބޮޑު އުންމީދާ ގުޅިފައިވާ ސިޓީއެވެ.