ޚަބަރު

ގުޅިފަޅާއި ގިރާވަރުފަޅުންވެސް އިތުރަށް ބިން ހިއްކަވާނެކަން ރައީސް އިޢުލާނުކުރައްވައިފި


  • ރައީސް ވިދާޅުވީ، ބިން ލިބެން އޮތް އެންމެ ބޮޑަކަށް ހިއްކަވާނެ ކަމަށް

  • ރާއްޖޭގެ 7 ސަރަޙައްދެއްގައި އަރބަން ސެންޓަރުތައް ތަރައްޤީކުރާނެ

  • ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތައް އަތޮޅުތަކުގައި ހިންގާނެ

ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢަށްވެސް ބިން އިތުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ އޭގެ މަންފާ ރައްޔިތުންނަށް ވީހާވެސް ބޮޑަށް ލިބޭނެގޮތަށްކަމަށެވެ. އެގޮތުން، ނިމުނު ސަރުކާރުން ފަށާފައިވާ ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢު އިތުރަށް ފުޅާކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް އެމަނިފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެފަޅުތަކުން ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކަވާ، ގެދޮރުވެރިކަމުގެ މަސައްކަތަށް ބިން އިތުރުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ޢިޢުލާންކުރެއްވި މަސައްކަތްތައްވެސް ހުއްޓާ ނުލާ، އެތަންތަނުގައި ރައްޔިތުންނަށް ދިރިއުޅެވޭނެ މަގު މި ސަރުކާރުން ފަހިކޮށްދެއްވާނެކަމަށެވެ.

"ގުޅިފަޅާއި ގިރާވަރު ފަޅުގެވެސް އެޔެއް ނޫން އޮތް މިންވަރަކީ. އެތަންތަނަށް ބިން އިތުރުކުރުމަށް ވަނީ ނިންމާފައި. ގުޅިފަޅުން އިތުރު 85 ހެކްޓަރު އަދި ގިރާވަރުފަޅުން އިތުރު 50 ހެކްޓަރު ހިއްކާނަން." ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ގުޅިފަޅުން ހިއްކަން ހަވާލުކުރީ 150 ހެކްޓަރުގެ ބިމެވެ. އަދި ގިރާވަރު ފަޅުން ސަތޭކައެއްހާ ހެކްޓަރުގެ ބިން ހިއްކައެވެ. ރައީސް ވިދާޅުވީ މާލޭ ސަރަޙައްދަށް މިސަރުކާރުން ކަނޑައަޅާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނީ ކުރިން ފަށާފައި ހުރި މަސައްކަތްތައްވެސް ހިމެނޭގޮތަށްކަމަށެވެ. އެތަންތަނުން ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނަށް، ބޯހިޔާވަހިކަން ލިބޭނެކަން ސަރުކާރުން ކަށަވަރުކުރައްވާނެކަމުގެ ޔަގީންކަން އެމަނިފާނު ދެއްވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކަނޑައަޅުއްވާފައިވާ ގޮތަށް ރާއްޖޭގެ 7 ސަރަޙަދެއް އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރެއްވުމަށްވެސް ނިންމަވާފައިވާކަމަށެވެ. އެތަންތަނުގައިވެސް ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ ބޮޑެތި މަސައްކަތްތައް ރާއްވަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ މާލެއަށް ބަރޯސާވާންޖެގޭ ޖެހުން ކުޑަކޮށް، އަތޮޅުތަކުގައިވެސް ފުރިހަމަ ޚިދުމަތްތައް ލިބިގެން ދިރިއުޅެވޭނެ މަގު ފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއާއި ދެކުނު ހިމެނޭގޮތަށް 7 އަރބަން ސެންޓަރު ތަރައްޤީކުރާނަން. އޭރުން ގެދޮރުވެރިކަމަށް އެކަށީގެންވާ ފުރުޞަތު ލިބި، އަދި ހިޖުރަކުރަން ބޭނުންވާ މީހުންނަށްވެސް ފުރުޞަތު ފަހިކޮށްދޭނަން. އެ ސަރަޙައްދުތަކުން އެކަށީގެންވާ ތަޢުލީމާއި، ސިއްޙީ ޚިދުމަތާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.

މާލެއަށް ބަރޯސާވާންޖެހުން ކުޑަކޮށް، ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ޚިދުމަތްތައް ބަހާލުމަކީ ސަރުކާރުގެ ޢަމާޒެކެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރަކީ، ޢުމްރާނީގޮތުންނާއި ޚިދުމަތުގެ ގޮތުން، ބޮޑެތި ކުރިއެރުންތަކެއް ހޯދާނެ ދަޢުރެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.