ޚަބަރު

ސަރުކާރުން އެދޭ ސްޕީޑުގައި ފުށިދިއްގަރު ފަޅު ހިއްކައިދޭނަން: ފަޒުލް


  • ފުށިދިއްގަރު ފަޅު ތަރައްޤީކުރުމުގެ މަސައްކަތް ކުރަނީ އެޗްޑީސީއާއި ހަވާލުކޮށްގެން

  • އެޗްޑީސީން ބިން ހިއްކަނީ ސީއެމްސީއާއި ބޮސްކާލިސް އާއި ޗައިނާ ސްޓޭޓާ ގުޅިގެން

  • 8 މަސްދުވަހުގެ ތެރޭގައި ބިން ހިއްކާ ނިންމާލެވޭނެ

ސަރުކާރުން އެދޭ ސްޕީޑުގައި ފުށިދިއްގަރު ފަޅު ހިއްކައި ހަގީގަތަކަށް ހަދާދޭނެކަމުގެ ޔަގީންކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ދެއްވައިފިއެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުވަނީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

ފަޒުލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ "ދިވެހީންގެ މެނިފެސްޓޯ" ތަންފީޒުކުރުމަށް އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށެވެ. އެގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކައި ޙަގީގަތަކަށް ހަދައިދޭނެކަމުގެ ޔަގީންކަން ފަޒުލްވަނީ ސަރުކާރަށް ދެއްވާފައެވެ. އަދި ސަރުކާރުގެ ލަފަޔާއެކު ތަނުގެ ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލާ މަސައްކަތް ހަލުއިކުރައްވާނެ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓީމުން، އަޅުގަނޑުމެންގެ ލަޔާޤަތާއި ޤާބިލްކަން ތަންދިން މިންވަރަކުން ދިވެހީންގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރުމަށްޓަކައި ރެއާއި ދުވާލު މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސަށް އަޅުގަނޑު އަރުވަން." ފަޒުލް ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅު ތަރައްޤީކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާއިރު ބިން ހިއްކުމުގެ ބައި ހަވާލުކޮށްފައިވަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާއި ނެދަލޭންޑްސްގެ ބޮސްކާލިސްއާއި، ޗައިނާ ސްޓޭޓާއެވެ.

ފުށިއްގަރު ފަޅު " ރަސްމާލެ" ނަމުގައި ތަރައްޤީކޮށް ނިމިގެންދާއިރު އެތަނަކީ ރާއްޖޭގެ ފުރަތަމަ ކަރބަން ފްރީ ސިޓީއަށް ހައްދަވާ ބައިނަލްއަޤްވަމީ ސްޓޭންޑަޑުގައި ސިޓީގެ ދަރަޖަކުރެވޭނެހެން ބިމުގެ އުސްމިން ކަނޑައެޅިގެން ތަރައްޤީކުރެވޭ ރާއްޖޭގެ ފުރަތަމަ ސިޓީއެވެ.

ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައި މުޅި ހުޅުމާލެއަށްވުރެ ތިން ގުނަ ބޮޑު ސަރަޙައްދެއް ހިއްކާ ނިންމުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.