ޚަބަރު

އެއަރޕޯޓުގައި ޓެކްސީ މަޑުކުރާ ސަރަޙައްދު ޑޮމެސްޓިކް ޓަރމިނަލް ކައިރިއަށް


  • ޑޮމެސްޓިކް ޓަރމިނަލް ކައިރިއަށް ހަމައެކަނި އަންނާނީ ފުރާ މީހުން

  • އެރައިވަލް ކައިރިއަށްވެސް ޓެކްސީ މަޑުކުރެވޭނެ ގޮތް ހެދުމަށް މަސައްކަތްކުރާނެ

  • މަގުތައް ހަދާ ނިމުމުން އަދިވެސް އިތުރު ބަދަލުތައް އަންނާނެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލް ކައިރިއަށް ޓެކްސީ ކައިރިކުރެވޭނެ އިންތިޒާމު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް،އެމްއޭސީއެލްއިން ހަމަޖައްސައިފިއެވެ.

އެމްއޭސީއެލްއިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތް ފަސޭހަކޮށް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޑޮމެސްޓިކް ޓަރމިނަލް ކައިރިއަށް ޓެކްސީ މަޑުކުރެވޭނެ އިންތިޒާމު އެމްއޭސީއެލްއިން މިހާރުވަނީ ހަމަޖައްސާފައެވެ. މިބަދަލާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ މިބަދަލަކީ އެއަރޕޯޓުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަކޮށްދިނުމަށްޓަކައި އެމްއޭސީއެލްގެ މެނޭޖްމަންޓުން މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ނިންމެވުމެއްކަމަށެވެ. އަދި މިބަދަލު ގެނައުމަށް ނިންމާފައިވަނީ އެއަރޕޯޓުގެ އޮޕަރޭޝަންގައި ބާރު ބޮޑުނުވާނެގޮތަށް ބަލައިގެންކަމަށްވެސް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑު މިމަޤާމަށް އައުމާއެކު ބައްދަލުކުރައްވާ އެންމެ ފުރަތަމަ އެދިވަޑައިގަތްކަމަކީ، އެއަރޕޯޓުގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ފަސޭހަ ކުރުމަށްޓަކައި ވަގުތުން ވަގުތަށް ގެންނަވަންޖެހޭ ބަދަލުތައް ގެނެސް ޚިދުމަތް ރަނގަޅުކުރުމަށް. ވަރަށް ދަތިކޮށް މިއޮތީ އަދި މަގުތައްވެސް އެއްކޮށް ނުނިމޭ، އެހެންނަމަވެސް ވީހާވެސް އަވަހަކަށް ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް މިފެށީ." ޝަރީފް ވިދާޅުވިއެވެ.

އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، އެއަރޕޯޓުގެ މަގުތަކުގެ މަސައްކަތް އެއްކޮށް ނިމޭއިރު ގިނަ ބަދަލުތަކެއް އެއަރޕޯޓުގެ ޚިދުމަތްތަކަށް އަންނާނެކަމަށެވެ. އެގޮތުން ޑޮމެސްޓިކް ޓަރމިނަލްގެ އެރައިވަލް ކައިރިއަށްވެސް ޓެކްސީ މަޑުކުރެވޭނެ ގޮތް އިންތިޒާމް ހަމަޖެހޭނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.

އެއަރޕޯޓުގެ ޑިޕަރޗާ ޓަރމިނަލް ކައިރިއަށް ޓެކްސީ މަޑުކުރެވުމުން ބޮޑު ލުޔެއް ލިބޭނެ ކަމަށް ޢާއްމުންގެ ތެރެއިން ނޫސްވެރިންނާއި ވާހަކަދެއްކި ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.

"މިއީ އަސްލު ވަރަށް ރަނގަޅު ބަދަލެއް. މީގެ ކުރިން ވަރަށް ދުރުން ހިނގާފަ އަންނަން ޖެހެނީ ފޮށިތައް ދަމަމުން. މިހާރު މިހަމަޖެހުނުގޮތުން ވަރަށް ފަސޭހަވެއްޖެ" މީހަކު ބުންޏެވެ.

މިބަދަލާއެކު މިހާރުވެސް އިންޓަރނޭޝަނަލް ޓަރމިނަލަށްދާ ފަރާތްތަކާއި އެރައިވަލްއަށް އަންނަ މީހުން ޢަމަލުކުރާނީ ހަމަ މިހާރުވެސް އޮންނަ އުސޫލުން ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އަލަށް ގެނައި ބަދަލާއެކު ފުރަންދާ މީހުން ގޮވައިގެން ޑޮމެސްޓިކް ޓަރމިނަލަށްދާ ޓެކްސީތައް އަނބުރާލަން ޖެހޭނީ އެއަރޕޯޓުގައި ހުންނަ ބުރުޒު ކެފޭ ކައިރިންނެވެ. މިއޮޕަރޭޝަން މޮނީޓަރކޮށް ޓެކްސީތަކަށް އެހީވުމުގައި 3 ޕޮއިންޓަކުން އެއަރޕޯޓުގެ މުވައްޒަފުން ޙަރަކާތްތެރިވާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ޑޮކެސްޓިކް ޓަރމިނަލަށް ދާ ވެހިކަލްތަކާއި ޓެކްސީތަކުގެ ގިނަ ކަންބޮޑުވުންތަކެއް މިހާރުވެސް ހުރިއިރު، އެކަން ޙައްލުކުރުމަށް އައު މެނޭޖްމަންޓުން މަސައްކަތް ކުރާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. ޓެކްސީ ކިއުއާ ޕްރައިވެޓް ކާރުތަކުގެ ކިއުގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށް އޮތްތަނުގައި އޮޕަރޭޝަން މޮނީޓަރިންގ މިހާރަށްވުރެ ވަރުގަދަ ކުރާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.