ޚަބަރު

އަސާސީ އެއްވެސް މުދަލެއް އެތެރެކުރުމަށް ހުރަހެއް ނެތް: ސަޢީދު


  • އިންޑިއާއިން ފިޔާ އެކސްޕޯޓުކުރުން ވަނީ މަޑުޖައްސާލާފައި

  • އެގޮތަށް ނިންމީ އެޤައުމުގެ ތަކެތީގެ އަގުފުލުހުން ކޮންޓްރޯލްކުރުމަށް

  • މީގެ ސަބަބުން ރާއްޖޭގެ ފުޑް ސެކިއުރިޓީއަށް އަސަރެއް ނުކުރާނެ

ރާއްޖެއަށް ބޭނުންވާ އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ އަވައްޓެރި އިންޑިއާއިން ފިޔާ ބޭރުކުރުމުގެ ސިޔާސަތަށްގެނައި ބަދަލާއެކު ވަގުތީ ގޮތުން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލުމަށް ނިންމުމާއި ގުޅިގެންނެވެ. އިންޑިއާއިން މިނިންމުން ނިންމާފައިވަނީ އެޤައުމުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދަށުގޭގެ އިންތިޚާބާއި ދިމާކޮށް އިންޑިއާގައި ތަކެތީގެ އަގު އުފުލުން ކޮންޓްރޯލްކުރުމަށްކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަޑުޖައްސާލަން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗްމަހާއި ހަމައަށްކަމަށްވެސް އެޤައުމުގެ މީޑިއާއިންވަނީ ރިޕޯޓުކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ޤައުމަކީ އިންޑިއާއެވެ. އިންޑިއާގެ މިނިންމުމާއެކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ ދަތިކަން ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން ބައެއް ވިޔަފާރިވެރިން ފާޅުކުރެއެވެ. މިކަމާއި ގުޅިގެން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް އަދި ވަކިވަކި ޤައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާކަމެއްކަމަށާއި އެކަން އެގޮތުގައި ހިނގިނަމަވެސް ރާއްޖެއާއެކު ވިޔަފާރީގެ ގުޅުން ޤާއިމުކޮށްފައިވާ ޤައުމުތަކުން އަބަދުވެސް ރާއްޖެއަށް އިސްކަންދޭނެކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުންކަމަށެވެ. އަދި އެކަން ކުރައްވާނީ ދެމެހެއްޓެނިވި ވަށާޖެހޭ ހައްލަކާއެކުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި އުފައްދާ ބާވަތްތައް މަދުވުމާއި ޢާއްމު ކެއިންބުއިމުގައި ބޭނުންކުރާ ގިނަ ބާވަތްތަކާއި ކާޑުގެ ބާވަތްތައް ރާއްޖެއިން އެތެރެކުރަނީ އެހެން ޤައުމުތަކުންނެވެ. އެހެންކަމުން ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރެއެވެ. އެކަން ކުޑަކުރުމަށް އެކި ޤައުމުތަކާއެކު ވިޔަފާރީގެ ގޮތުން އޮންނަ ގުޅުން ވަރުގަދަކޮށް ކާޑުގެ ބާވަތްތައް ހޯދުމުގައި މަދުޤައުމުތަކަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުމަކީ ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާކަމެކެވެ.