ޚަބަރު

އަންނަ މަހުން ފެށިގެން ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ޓީވީން ދައްކަން ފަށަނީ


  • ޚުޠުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ

  • ޓީވީން ޚުޠުބާގެ ސަބްޓައިޓްލް އިނގިރޭސިން އަރުވާނެ

  • އިޝާރާތުގެ ބަހުންވެސް ޚުޠުބާ ލައިވްކޮށް ގެނެސްދޭނެ

އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުކުރު ޚުޠުބާ ޓީވީން ދައްކާ ވަގުތުގައި އިނގިރޭސި ތަރުޖަމާއާއެކު ގެނެސްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފިއެވެ.

ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މުސްލިމުން އުޅޭތީ މާލޭގެ ކޮންމެވެސް 1 މިސްކިތެއްގައި އިނގިރޭސި ބަހުން ޚުޠުބާ ކިޔުމާ މެދު އާންމުންގެ ޚިޔާލަށް އެދިވަޑައިގެންފައެވެ. ވަޒީރު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ ސީނިއަރ މެނޭޖްމަންޓް ބައްދަލުވުމުގައި ޚުޠުބާގެ ކަންކަމުގައި މަޝްވަރާކުރުމަށް ފަހު ނިންމުންތަކެއް ނިންމާފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ މިސްކިތްތަކުގައި ޚުޠުބާތައް ގެންދާނީ ދިވެހި ބަހުންކަމަށެވެ. ޚުޠުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހައްދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ލައިވްކޮށް ޓީވީން ޚުތުބާ ގެނެސްދޭ ވަގުތުގައި އިނގިރޭސިން ސަބްޓައިޓަލް އަރާނެގޮތަށް އިންތިޒާމްކުރުމަށް ނިންމަވާފައިވާކަމަށެވެ. މި ހުރިހައި ކަމަކީވެސް އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރެވިގެންދާނެ ނިންމުންތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ، އިޝާރާތުގެ ބަހުންވެސް ޚުޠުބާ ލައިވްކޮށް ގެނެސްދެނެކަމަށެވެ. އަދި ރާއްޖެގައި އުޅޭ ބިދޭސީ މަސައްކަތްތެރިން އިޖްތިމާޢީ މިންގަނޑުތަކާއި އަޚްލާގަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޤައުމުތަކުގެ އިދާރާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފައްޓަވާނެކަމަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝާހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.