ޚަބަރު

އަތޮޅުތަކުން ޕާސްޕޯޓު ދޫކުރުން ދެގުނަ އަވަސްކޮށްފި


  • އައްޑޫ، ކުޅުދުއްފުށި، ފުވައްމުލައް އަދި ތިނަދޫ ސިޓީއަށް މި ބަދަލު ގެންނާނެ

  • ހަފްތާއަކު 4 ދުވަހު އައްޑޫ ސިޓީއަށް ޕާސްޕޯޓް ފޮނުވާނެ

  • ކުޅުދުއްފުށި، ފުވައްމުލައް އަދި ތިނަދޫއަށް ހަފްތާއަކު 2 ދުވަހު ޕާސްޕޯޓް ފޮނުވާނެ

އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުވެފައިވާ 4 އަތޮޅަކަށް ދިވެހި ޕާސްޕޯޓު ދޫކުރުން ދެގުނައަށް އަވަަސްކުރުމަށް ނިންމައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށްޓަކައި، އިމިގްރޭޝަންގެ ޚިދުމަތްތައްވެސް ބައްޓަންކޮށް، މިއަދުން ފެށިގެން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުވެފައިވާ 4 އަތޮޅަކަށް ދިވެހި ޕާސްޕޯޓު ދޫކުރުން ދެގުނައަށް އަވަަސްކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމްކުރެވިފައވާ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގެ އިމިގްރާޝަން އޮފީހުން ޕާސްޕޯޓް ދޫކުރުން މިހާރު ދެގުނަ އަވަސްވެގެންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އިމިގްރޭޝަން ރީޖަނަލް އޮފީސްތަކުގެ ތެރެއިން އައްޑޫ ސިޓީއަށް މީގެކުރިން ޕާސްޕޯޓް ފޮނުވަމުން ދިޔައީ ހަފްތާއަކު 2 ދުވަހުއެވެ.

ނަމަވެސް މި ބަދަލާއެކު ދެން ކޮންމެ ހަފްތާއަކު 4 ދުވަހު އައްޑޫ ސިޓީއަށް ޕާސްޕޯޓް ފޮނުވޭނެއެވެ. މީގެއިތުރުން ކުޅުދުއްފުށި، ފުވައްމުލައް އަދި ތިނަދޫ ސިޓީއަށް މީގެކުރިން ޕާސްޕޯޓުތައް ފޮނުވަމުން ދިއައީ ހަފްތާއަކު 1 ދުވަހުއެވެ. މި ބަދަލާއެކު، މިއިން ކޮންމެ އޮފީހަކަށްވެސް ހަފްތާއަކު 2 ދުވަހު ޕާސްޕޯޓް ފޮނުވާނެއެވެ.

ދިވެހި ޕާސްޕޯޓަކީ ރައްޔިތުންނަށް ވީހާވެސް ފަސޭހައިން، ފުޅާދާއިރާއެއްގައި ފޯރުކޮށްދެވެން ޖެހޭ ޚިދުމަތްތަކަށްވާއިރު، އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ފުރުސަތު ތަނަވަސްކޮށްދީ، މި ޚިދުމަތް ކުރިއަށް އޮތްތަނުގައި އިތުރު އަތޮޅުތަކަށްވެސް ފުޅާކުރުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރެއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް މުޙައްމަދު ޝަމްޢާން ވަޙީދު ހަވާލުވެވަޑައިގެން ބައެއް ޚިދުމަތްތަކަށް އަންނަނީ ބަދަލު ގެންނަވަމުންނެވެ. އެގޮތުން އެއަރޕޯޓުގެ އީގޭޓުގެ ޚިދުމަތްވެސް އަލުން ވަނީ ފަށްޓަވާފައެވެ.