ޚަބަރު

ޑރ. ރަމީލާ ބޭސްފަރުވާއަށް ވަޑައިގަތުމުން، ދަނޑުވެރިކަމުގެ ވުޒާރާ ހިންގުން ޣައްސާނަށް


  • ޑރ.ރަމީލާ ގެންދަވަނީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން

  • އެކަމަނާ ފަރުވާއަށްފުރާވަޑައުގަންނަވާކަން ހާމަކުރެއްވީ މިދިޔަ މަހުގެ 29ވަނަ ދުވަހު

  • ޑރ.ރަމީލާ މަޤާމަށް އައްޔަންކުރެއްވީ މިދިޔަ މަހު 17ވަނަ ދުވަހު

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގެވުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙަވާލުކުރައްވައިފިއެވެ. އެ ވުޒާރާ ހިންގެވުން ޣައްސާނާއި ހަވާލުކުރެއްވީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ހިންގެވުން ދިދާޢީ ވަޒީރާ ޙަވާލުކުރައްވާފައި ވަނީ، ޑޮކްޓަރ ޢާއިޝަތު ރަމީލާ، ނޮވެމްބަރު 23 ގައި ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ، އެކަމަނާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެންކަމަށެވެ.

ޑޮކްޓަރ ރަމީލާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެކަމަނާ ކެންސަރު ބައްޔަށް އޭނާ ފަރުވާ ހޯއްދަވަމުން ގެންދަވާކަމަށެވެ. އަދި ބަލި މިހާރު ހުރީ އެޑްވާނަސް ސްޓޭޖުގައި ކަމުގައި އެކަމަނާ ހާމަކުރައްވާފައިވެއެވެ. ވަޒީރު ވަނީ ހުރިހާ ފަރާތްތަކުންވެސް އެކަމަނާއަށް ހެޔޮ ދުއާ ކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒީރުކަމަށް ޑޮކްޓަރ ޢާއިޝަތު ރަމީލާ އައްޔަންކުރެއްވީ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުއެވެ.