ޚަބަރު

ރާއްޖެފަދަ ޤައުމުތަކަށް މާލީ އެހީތެރިކަން ހޯދުމަށް ކޮޕް ސަމިޓުގައި ވަކާލާތުކުރާނަން: ރައީސް


  • ކޮޕް ސަމިޓު މިއަހަރު އޮތީ ޔޫއޭއީގައި

  • ރައީސް މިއަދު ހަވީރު ސަމިޓުގައި ތަޤްރީރުކުރައްވާނެ

  • ރައީސް ވިދާޅުވީ މި ސަމިޓަކީ މާލީ އެހީ ލިބިގެންދާ ސަމިޓަކަށްވެގެންދިޔުމަކީ އުއްމީދެއް ކަމަށް

އުއްމީދަކީ މިއަހަރުގެ ކޮޕް -28 ސަމިޓަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ޤައުމުތަކަށްވަމުންދާ ގެއްލުންތަކަށް މާލީގޮތުން އެހީތެރިކަން ލިބިގެންދާ ސަމިޓަކަށްވެގެން ދިޔުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންނާއި، އެ ޤައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އުންމީދަކީ މިއަހަރުގެ ސަމިޓުގައި ރާއްޖެފަދަ ޤައުމުތަކުގެ ތިމާވެއްޓަށްވަމުންދާ ގެއްލުންތަކަށް މާލީގޮތުން އެހީތެރިކަން ލިބިގެންދިޔުމަށް ފަހިވެގެންދާ ސަމިޓަކަށްވެގެންދިޔުންކަމަށެވެ.

"އެކަމާއި އަޅުގަނޑުމެން ވަކާލާތުކުރާނެ، ޓީމުން މިހާރުވެސް އެމަސައްކަތްކުރަނީ، މިނިސްޓަރާއި ކްލައިމެޓް އެންވޯއީއާއި އެ މަސައްކަތްކުރަނީ، އަދި ކްލައިމެޓް އެޑަޕްޓޭޝަންއަށް ހާއްސަކޮށް އެހީތެރިކަން ލިބޭނެ ފަދަ ކަންތައްތައް ފަހިވެގެންދާނެ ފަހަރަކަށްވެގެން ދިޔުމަކީވެސް އުއްމީދެއް،" ރައީސް ވިދާޅުވިއެވެ.

ކޮޕް28 ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ. މިސަމިޓް ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކޮޕް ސަމިޓުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިނަ ލީޑަރުންތަކަކާ ބައްދަލު ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ފުރުސަތުގެ ބޭނުންކުރައްވާ ގައުމަށް އެންމެ ފައިދާހުރި ގޮތްތައް ހޯއްދަވާނެކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް އަލީ ޝަރީފް މީގެކުރިން ވިދާޅުވެފައިވެއެވެ.

ޔޫއޭއީގައި އޮންނަ "ކޮޕް28" ސަމިޓްގައި 160 ގައުމެއްގެ ވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ. މި ސަމިޓް 12 ޑިސެމްބަރާއި ހަމައަށް ކުރިއަށްދާނެއެވެ. ކޮޕް ސަމިޓް އަކީ ތިމާވެށީގެ ގޮތުން ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެއް އެކަންކަން ހައްލު ކުރުމަށާ، ތިމާވެށީގެ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަމާ ފަންނީ ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ދުނިޔޭގެ މޫސުމާ ބެހޭ އެންމެބޮޑު އެއްބަދަލުވުމެވެ.