ޚަބަރު

މާވެޔޮ މިސްކިތް ކައިރީ މަގުމައްޗަށް ވާގޮތަށް ހުރި ޓްރާންސްފޯމަރު ނަގަނީ


  • މިއަހަރު ނިމުމުގެ ކުރިން މަގުމަތިން އެޓްރާންސްފޯމަރު ނަގާނެ ކަމަށް ވިދާޅުވި

  • މާވެޔޮ މިސްކިތް ކައިރީ މަގުމައްޗަށްވާ ގޮތަށް މިޓްރާސްފޯމަރު ހުންނަތާ 6އަހަރުވަނީ ވެފައި

މާވެޔޮ މިސްކިތް ކައިރީ މަގުމައްޗަށް ވާގޮތަށް ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ނެގުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިޓްރާންސްފޯމަރު ނެގުމުގެ އަމަލީ މަސައްކަތް ފެށި ސްޓެލްކޯއަށް މިއަދު އައްޔަން ކުރެއްވި މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ އެސަރަހައްދަށް ކުރެއްވި ޒިޔާރަތުގައެވެ.

ސްޓެލްކޯއިން ބުނީ މެނޭޖިންގ ޑިރެކްޓަރ ފަހުމީ އެސަރަހައްދަށް ވަޑައިގެން އެޓްރާންސްފޯމަރާއި ހެދި ވަމުންދާ އުނދަގޫތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންނެވިކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މަގުމަތިން އެ ޓްރާންސްފޯމަރު ނަގާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

" ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ދެއްވަމުންގެންދަވާ އެންމެ ބޮޑު އަހައްމިއްޔަތު ކަމަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން. މިއަދު މި ޓްރާންސްފޯމަރު މަގުމަތިން ނެގުމުގެ މަސައްކަތް ފަށާއިރު އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެ ޓްރާންސްފޯމަރު މަގުމަތިން ނަގައި، އެ މަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯދަވައިދެއްވާނެ ކަމުގެ ޔަގީންކަންދެން" ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވިއެވެ.

މިޓްރާންސްފޯމަރަކީ އެ ސަރަހައްދާއި، އެމަގު ބޭނުން ކުރާ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށްވެފައިވާ ޓްރާންސްފޯމަރެއްކަމަށް ސްޓެލްކޯއިން ބުނެއެވެ.

މާވެޔޮ މިސްކިތް ކައިރީ މަގުމައްޗަށް ވާގޮތަށް މިޓްރާންސްފޯމަރު ހުންނަތާ 6 އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.