ޚަބަރު

ޖޯޖިއާ މުބާރާތުން ލައިބާއަށް ތިން މެޑެލް


ޖޯޖިއާގައި ކުރިއަށްދިޔަ ބަޓޫމީ ކަޕުގައި ވާދަކޮށް ރާއްޖޭގެ އަރަމުން އަންނަ ބެޓްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފް ތިން މެޑެލް ހާސިލުކޮށްފިއެވެ.

ލައިބާ ވަނީ މި މުބަރާތުގެ ޑަބަލްސް ކެޓެގަރީގެ ފައިނަލްގައި ވާދަކޮށް ރިހި މެޑެލް ހޯދާފައެވެ. އަދި ސިންގަލްސް ކެޓެގަރީ އާއި މިކްސޑް ޑަބަލްސް ކެޓެގަރީން ލޯ މެޑެލް ހާސިލުކޮށްފައެވެ.

ސިންގަލްސްގެ ސެމީއަށް ލައިބާ ދަތުރުކުރީ ކުއާޓާ ފައިނަލްގައި އަޒަރުބައިޖާންގެ 13 އަހަރުން ދަަށުގެ ރޭންކިންގެ އެއްވަނައިގައި އޮތް އަހްމަދްލި ޑެނިޒް ދެ ސެޓުން 15-11 އަދި 15-3 އިން ބަލިކޮށްގެންނެވެ.

ސެމީގައި ލައިބާ ވާދަކުރީ ކަޒަކިސްތާނުގެ 13 އަހަރުން ދަށުގެ ރޭންކިންގެ އެއްވަނަގައި އޮތް ލިއޮނޯވާ ސޯފިއާއާ ދެކޮޅަށެވެ. ރަނގަޅު ވާދައެއްކުރި މި މެޗުން ލައިބާ ބަލިވީ 15-10 އަދި 15-12 ންނެވެ.

މިދިޔަ އަހަރުވެސް ލައިބާ ވަނީ ބަޓޫމީ ކަޕުގެ ޑަބަލްސްއިން ރިހި މެޑެލް އަދި ސިންގަލްސްއިން ލޯ މެޑެލް ހޯދާފައެވެ. ދާދިފަހުން ލައިބާ ވަނީ "އަރްމޭނިއަން ޔޫތު އޯޕަން 2025" ގެ ތިން ކެޓެގަރީއެއްގައި ވާދަކޮށް ތިން ރަން މެޑެލް ހޯދާފައެވެ.

އުމުރުން 12 އަހަރުގެ ލައިބާ ވަނީ މި އަހަރު އެކުލަވާލި ގައުމީ ސްކޮޑުގައިވެސް ހިމެނިފައެވެ. އޭނާ އަކީ ގައުމީ ބެޓްމިންޓަން ޓީމަށް ހޮވުނު އެންމެ ހަގު ކުޅުންތެރިޔާއެވެ. އޭނާ ވަނީ މި މަހު ކުރިއަށްދިޔަ ނައިފަރު އޯޕަންގެ ސިންގަލް ބައިގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ.