ޚަބަރު

ކުރީ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް ބްރިޖު ނިންމާ ތާރީޚު ވަނީ ބަދަލުކޮށްފައި: މުއްޠަލިބު


ތިލަމާލެ ބްރިޖްގެ އެއްބަސްވުމަށް ކުރީ ސަރުކާރުގެ ފަހުކޮޅު ބަދަލުގެނެސް، އެ ބުރިޖު ނިންމަން ޖެހޭ ތާރީޚު 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މާލެއާއި ވިލިމާލެއާއި ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ ތިލަމާލެ ބުރިޖަކީ ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. ނިމުނު ސަރުކާރުން ޕްލޭންކޮށްފައި އޮތީ، މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް މާލެއިން ވިލިމާލެއަށް ގުޅާލުމުގެ ހުރިހާ މަސައްކަތްތައް ނިންމާ ބޭނުންކުރަން ފެށުމަށެވެ. އަދި އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމުމަށެވެ. ނަމަވެސް މި މަސައްކަތް ނުނިމި މުޅި މަޝްރޫޢުވަނީ ދިގުލައިގެންގޮސްފައެވެ.

ތިލަމާލެ ބްރިޖު މަޝްރޫޢު ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބުގެ އިތުރުން ދައުލަތުގެ އިސްވެރިން ވަނީ ބައްލަވާލައްވާފައެވެ. އެއަށްފަހު އެ މަޝްރޫޢު ކުރިއަށްދާގޮތުގެ ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވީ ނޮވެމްބަރު 16 ވަނަ ދުވަހު ކުރީ ސަރުކާރުން ސަޕްލިމަންޓްރީ އެއްބަސްވުމެއް އެކުލަވަލާ ބްރިޖްގެ މަސައްކަތް 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާ ގޮތަށް ބަދަލުކުރައްވާފައިވާކަމަށެވެ. އަދި އެއްބަސްވުން އެކުލަވަލާފައިވަނީ އިންތިޤާލީ މަރުހަލާގައި ކަމަށާއި އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ހިއްސާކޮށްފައިނުވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މުއްޠަލިބު ވިދާޅުވީ މާލެއިން ފެށިގެން ވިލިމާލެއާ ހަމައަށް ގުޅާލުމަށް 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށްކަމަށް އެގްރީމަންޓްގައި ނެތްކަމަށެވެ. އަދި އެއީ އަނގަބަހުން ވެފައިވާ އެއްބަސްވުމެއްކަމަށާއި، ވިލިމާލެއިން ގުޅިފަޅަށް ގުޅާލުން 2025 ވަނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް އެއްބަސްވެފައިވަކަމަށް މުއްޠަލިބު ވިދާޅުވިއެވެ. އަދި ބްރިޖްގެ ބާކީ ބައި 2026 ވަނަ އހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް އެއްބަސްވުމުގައި ހިމަނާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މުއްޠަލިބު ވިދާޅުވީ ކުރީ ސަރުކާރުން އެފްކޮންސްއާ އެކު ސަޕްލިމެންޓަރީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ކަނޑައެޅިފައި އޮތް މުއްދަތުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނުނިންމޭނެކަން އެފްކޮންސްއަށް ކަށަވަރުވެފައިވުމާއި، ސަރުކާރުން ކޮންޓުރެކްޓަރަށް ދޭންޖެހޭ ބިންތަކެއް ހަވާލު ކޮށްފައި ނުވުމުގެ ސަބަބުން ކަމަށެވެ. އަދި މަސައްކަތް ނިންމަންޖެހޭ ތާރީހަށްވުރެ ލަސްވެގެން ހިނގައްޖެ ނަމަ ކޮންޓުރެކްޓަރު ބޮޑު އަދަދަކުން ޖޫރިމަނާ ވާނެތީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށްވެސް މުއްޠަލިބު ވިދާޅުވިއެވެ.

"ސަޕްލިމެންޓްރީ އެއްބަސްވުމާއެކު ކުރިން 820 ދުވަހުން ނިންމަން އޮތް މަސައްކަތެއް މިހާރު އެއްބަސްވެފައިވަނީ 1658 ދުވަހުން ނިންމަން. ކުރިން 975 ދުވަހުން ނިންމަން އޮތް ސެކްޝަން ބީ [ގުޅިފަޅުން ތިލަފުއްޓަށް ގުޅާލުން] ނިންމަން މިހާރު އޮތީ 1841 ދުވަހުން. މި ޝެޑިއުލުން ކައްސައިނުލާ ދިއުން އެއީ މިހާރު އެންމެ މުހިއްމު އެއް ކަންތައް. ދެވަނަ ކަމަކީ ޝެޑިއުލުން ކައްސައިނުލާ އަދި އަޅުގަނޑުމެންނަށް އަވަސް ކުރެވޭނެ ގޮތްތަކެއް ހުރިތޯ ބަލާފައި އަވަސް ކުރެވޭނެ ގޮތްތަކެއް ހޯދުން." އިމާރާތްކުރުމާއި ބިނާރަ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.

މުއްޠަލިބު ވިދާޅުވީ މިއަހަރުގެ މިހާތަނަށް އައިއިރު، ބްރިޖްގެ %81 އޮންނަންޖެހޭނީ ނިމިފައިކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ނިމިފައިވަނީ %29 މަސައްކަތްކަމަށް މުއްޠަލިބު ވިދާޅުވިއެވެ. ވަޒީރު ވަނީ އިސްލާހު ކުރި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ ކޮންޓްރެކްޓަރު އަތުން އެއްބަސްވުން ނެގުމުގެ ވިސްނުމެއް ނެތްނަމަވެސް މަސައްކަތް ލަސްވާކަމުގައި ވަނީނަމަ ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

" ތަނބުތަކުގެ މަސައްކަތް މާކަ ބޮޑަކަށް ކުރެވިފައި ނެތް. މިހަރު މަސައްކަތަށް ބެނުންވާ ސާމާނުތައް ގެނެސްފައި އެބަހުރި .3 ބާޖާއެކު މަސައްކަތް ބާރަށް ކުރިއަށްދާނެ. ރާއްޖޭގައި ބްރިޖް އެއް އެޅުމުގެ މަސައްކަތަކީ އެހެން ޤައުމުތަކާ ޚިލާފަށް އުނދަގޫ ކަމެއް. މި ބްރިޖްއަށްވެސް ސިނަމާލެ ބްރިޖް އެޅި އިރު ދިމާވި ދަތިތަށް ކުރިމަތިވި. ކޮންޓްރެކްޓަރަކީ މިކަމުގެ ތަޖުރިބާ ނެތުމާއި ތައްޔާރުނުވުމުގެ ސަބަބުން މަސައްކަތް ލަސްވެފައިވަނީ." އިމާރާތްކުރުމާއި ބިނާރަ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫޢުއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ހޭދަކުރައްވައެވެ. މީގެތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއަން އެގްޒިމް ބޭންކްގެ ލޯނެވެ. 100 މިލިއަން ޑޮލަރަކީ އިންޑިއާގެ ހިލޭ އެހީކަމަށް މިދިޔަ ސަރުކާރުން ވިދާޅުވެއެވެ. ބްރިޖްގެ މަޝްރޫޢުއަށް މިހާތަނަށް 186.7 މިލިޔަން ޑޮލަރު މިހާތަނަށް ކޮންޓްރެކްޓަރަށް ވަނީ ހަވާލުކޮށްފައެވެ. ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕުރޮޖެކްޓް ނުވަތަ ތިލަމާލެ ބްރިޖު މަޝްރޫޢުއަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުއެވެ. އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ބްރިޖާއި ކޯޒްވޭއިން މާލެއިން ފެށިގެން ގޮސް ތިލަފުށްޓާ ހަމައަށް ގުޅައިލާނެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫޢުއަށް 827 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި 2025 ވަނަ އަހަރާއި 2026 ވަނަ އަހަރުގެ ބަޖެޓުގައިވެސް ފައިސާ ހިމަނަންޖެހޭ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.