ޚަބަރު

އިސްލާމީ ތަޢުލީމު މުޅި ރާއްޖެއަށް، އުނގޫފާރު އިސްލާމީ މަރުކަޒަށްވެސް އިސްލާމީ ޔުނިވަރސިޓީ


  • ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އައިޔޫއެމްގެ ކެމްޕަސްތައް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް

  • އުނގޫފާރު އިސްލާމީ މަރުކަޒު ހުޅުވާފައިވަނީ 2021 ގައި

  • މިތަނުގައި 4 ކުލާސް ރޫމް، ލައިބްރަރީ އަދި އެޑްމިން އޮފީސް ޖާގަ ހުންނާނެ

  • ތިނަދޫ އިސްލާމީ މަރުކަޒުގައިވެސް އައިޔޫއެމްގެ ކެމްޕަސް ހިންގަން ވަނީ ހަވާލުކޮށްފައި

ރ. އުނގޫފާރުގައި ޤާއިމުކޮށްފައިވާ އިސްލާމިކް ސެންޓަރުގައި އިސްލާމީ އިލްމު ފެތުރުމަށް، އަންނަ ހަފްތާގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ، އައި.ޔޫ.އެމްއާއި ޙަވާލުކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ރ. އުނގޫފާރުގައި ބިނާކޮށްފައިވާ އިސްލާމިކް ސެންޓަރަށް ދީފައިވަނީ މަސްޖިދު އައްދުކްތޫރު އަފްރާޝިމް ޢަލީގެ ނަމުންނެވެ. މި ސެންޓަރު ހުޅުވާފައިވަނީ 17 ޑިސެމްބަރު 2021 ގައެވެ.

ދިވެހިރައްޖޭގައި އިސްލާމީ ތަޢުލީމު ޒަމާނަށް ފެތޭގޮތަށް ހަރުދަނާކޮށް، އިސްލާމިކް ޔުނިވަރސިޓީއަށް އާ އިމާރާތެއް ބިނާކޮށް، ބޭރު ދަރިވަރުންނަށް ވެސް ރާއްޖޭގައި ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ދިވެހީންގެރާއްޖެ" މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެކެވެ. އަދި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް އަތޮޅުތަކަށް ފުޅާކޮށް، އިސްލާމީ ތަޢުލީމުގެ ކަންކަން ކުރިއެރުވުމަކީ އެމަނިކުފާނުގެ މުހިންމު ތަޞައްވުރެކެވެ.

މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ދެކުނުގައި އައި.ޔޫ.އެމްގެ ކެމްޕަސް ހިންގުމަށް ގދ. ތިނަދޫ އިސްލާމީ މަރުކަޒު މިއަދު ވަނީ އެ ޔުނިވަރސިޓީއާއި ޙަވާލުކޮށްފައެވެ.

އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކެމްޕަސްތައް ޤާއިމުކޮށް، މުޅި ރާއްޖެއަށް އިސްލާމީ ތަޢުލީމު ފުޅާކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ތިނަދޫގެ އިތުރުން، ހއ. ދިއްދޫ، ރ. އުނގޫފާރު، ފުވައްމުލައް ސިޓީ، އަދި އައްޑޫ ސިޓީ ހިތަދޫއަށް އައި.ޔޫ.އެމްގެ ކެމްޕަސްތައް އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އިސްލާމީ ޔުނިވަރސިޓީއަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ބަލަހައްޓާ ތަނަކަށް ނުވި ނަމަވެސް، އިސްލާމިކް މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ދީނީ ޢިލްމު ފުޅާކުރުމުގައި އެންމެ މުހިންމު ބައިވެރިއާކަމަށެވެ. އެހެންކަމުން، ކުރިމަގުގައި އައި.ޔޫ.އެމްއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަން ރާއްވަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރ. އުނގޫފާރުގައި ޤާއިމުކޮށްފައިވާ އިސްލާމިކް ސެންޓަރަކީ ދިވެހި ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ޚަރުދުކޮށްގެން ބިނާކޮށްފައިވާ މަރުކަޒެކެވެ.

މި މަރުކަޒުގައި 4 ކުލާސް ރޫމް، ލައިބްރަރީ، ޕޭންޓްރީ، އެޑްމިން އޮފީސް، ޖަލްސާކުރާ ހޯލެއް ހިމެނެއެވެ. ދެ ފަންގިފިލާއަށް ބިނާކޮށްފައިވާ މި މަރުކަޒުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވާ 5380 އަކަފޫޓު ސަރަޙައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެއެވެ.