ޚަބަރު

ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އަޅާނެ ބިން ރައީސް ކަނޑައަޅުއްވައިފި


  • ޢަރަބިއްޔާ ސްކޫލް އަޅާނީ 381 ނަންބަރު ކުނި ކޮށި އޮތް ބިމުގައި

  • މީ ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް

  • "ހަފްތާ 14"ގައި ކަނޑައަޅާފައި އޮތްގޮތައް މިކަން މިވަނީ ތަންފީޒުވެފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުރަތަމަ 14 ހަފްތާގައި ކުރުމަށް ނިންމާފައިވާ މަސައްކަތުގެ ތެރެއިން ޢަރަބިއްޔާ ސްކޫލް އަޅާނެ ބިން ކަނޑައަޅުއްވައި އެކަމުގެ ޢަމަލީ މަސައްކަތް ފެށްޓެވުމަށް ސަރުކާރުން ނިންމަވަފިއެވެ.

ޢަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވީ ކުރީގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ.

ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އައު އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ދިވެހީންގެރާއްޖެ" މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެކެވެ. އަދި ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ގޮތަށް ޢަރަބިއްޔާ ސްކޫލު އެޅުމުގެ މަސައްކަތް ފެށްޓެވުމަކީވެސް އެމަނިކުފާނު ވަޢުދުވެޑައިގެންފައިވާ ކަމެކެވެ.

ސަރުކާރުން މި މަސައްކަތް އަވަސްކުރުމަށް ނިންމީ ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ދަތިއުނދަގޫތައް ކުރިމަތިވެ، އެކަމުގެ ޝަކުވާތައް އެ ސްކޫލުގެ ބެލެނިވެރިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އުފުލަމުންގެންދާތީކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ބިނާކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. "ހަފުތާ 14" ގައި މަގުޗާޓުގައިވެސް ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށްވެސް ވަނީ ހިމަނާފައެވެ.

ޢަރަބިއްޔާ ސްކޫލު މިވަގުތު ހިންގަމުންދަނީ ކުރިން ދަރުމަވަންތަ ސްކޫލުގެ ވަގުތީ ޢިމާރާތް ހިންގި ތަނުގައެވެ.