ޚަބަރު

އައިޔޫއެމްއާއެކު ކުރިއަށް އޮތް ދެ އަހަރުގެތެރޭ، މުޅި ރާއްޖެއަށް އިސްލާމީ ތަޢުލީމު ފުޅާކުރާނަން: ޑރ. ޝަހީމް


  • މިނިސްޓަރ ވިދާޅުވީ ތިނަދުއާއެކު، އިތުރު 4 ރަށެއްގައި އައިޔޫއެމް ކެމްޕަސް ހަދާނެކަމަށް

  • ތިނަދޫ އިސްލާމީ މަރުކަޒު އައިޔޫއެމްއަށް ދޫކޮށްފައިވަނީ، 10 އަހަރަށް

  • އިސްލާމީ ތަޢުލީމާއި ގުޅޭ ގިނަ ކޯސްތަކެއް ހިންގާނެ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކެމްޕަސްތައް ޤާއިމުކޮށް، މުޅި ރާއްޖެއަށް އިސްލާމީ ތަޢުލީމު ފުޅާކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ގދ. ތިނަދޫ އިސްލާމިކް ސެންޓަރު އިމާރާތުގައި، އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ހިންގުމަށް ހަވާލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.

ދެކުނުގައި އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑީވްސްގެ ކެމްޕަހެއް ހިންގެވުމަށް ހަވާލުކުރައްވާ، އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝާހީމު ޢަލީ ސަޢީދުއެވެ. އަދި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ، އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރުއެވެ.

ކެމްޕަސް ހިންގުމަށް އައިޔޫއެމްއަށް، ތިނަދޫ އިސްލާމީ މަރުކަޒު ދީފައިވަނީ 10 އަހަރުގެ މުއްދަތަށެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ ރާއްޖެއަށް ވަރަށް އުފާވެރި ފެށުމެއްކަމަށެވެ. އަދި މި ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރު ވަރަށް ފުޅާކަމަށެވެ. ތިނަދޫ އަދި މުޅި ހުވަދު އަތޮޅަކީވެސް ބޮޑު އާބާދީއަކަށްވުމާއެކު، އެ ސަރަޙައްދުގައި ތިބެގެން އިސްލާމީ ތަޢުލީމު އުނގެނުމުގެ ފުރުޞަތު އައިޔޫއެމްގެ ކެމްޕަހާއެކު އެ ސަރަޙައްދުގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އައި.ޔޫ.އެމްގެ ކޯސްތަކާއި މަންޙަޖާއި، އަދި ކިޔަވައިދިނުމުގެ ވައްޓަފާޅިއަކީވެސް އިސްލާމީ ޢިލްމު ދެމެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ ކޯސްތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހުވަދޫއަކީ އެ ސަރަޙައްދުގެ މަރުކަޒީ މައި ރަށް. ތަޢުލީމާއި ތަމްރީންތަކުގައާއި އެކި ޕްރޮގްރާމްތައްވެސް އެ ސަރަޙައްދުގައި ހިންގާ މައި ރަށް. އެ ސަރަޙައްދުގައި، އައިޔޫއެމްގެ ކެމްޕަހެއް ހުރުން ކޮންމެހެން މުހިންމު." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އިސްލާމީ ޔުނިވަރސިޓީއަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ބަލަހައްޓާ ތަނަކަށް ނުވި ނަމަވެސް، އިސްލާމިކް މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ދީނީ ޢިލްމު ފުޅާކުރުމުގައި އެންމެ މުހިންމު ބައިވެރިއާކަމަށެވެ. އެހެންކަމުން، ކުރިމަގުގައި އައި.ޔޫ.އެމްއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަން ރާއްވަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދެ އަހަރު ތެރޭ މުޅި ރާއްޖެއަށް އައިޔޫއެމް ތަޢުލީމު ފުޅާވާނެ. އެކި ސަރަޙައްދުތަކުގައި އައިޔޫއެމް ބިނާތައް ޤާއިމުވާނެ. އުނގޫފާރު، ހިތަދޫ، ދިއްދޫ، ފުވައްމުލަކު މި ތަންތަނަށް އައިޔޫއެމް ކެމްޕަސްތައް އަންނާނެ." ވަޒީރު ޑރ .ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އައި.ޔޫ.އެމްގެ ޚިދުމަތް ރާއްޖެއަށް ފުޅާވެގެންދާއިރު، އެކަމަށް ބޭނުންވާ ލެކްޗަރާއިން ތައްޔާރުކުރުމަށް ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތުތަކެއްވެސް ފަހިކޮށްދެއްވުމަށް ނިންމަވާފައިވާކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ވިދާޅުވީ، ތިނަދޫގައި މިހާރުވެސް އައިޔޫއެމްގެ ބައެއް ކޯސްތައް ހިންގަމުން ދިޔަ ނަމަވެސް، ޖާގަޔާއި ވަސީލަތުގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތްކަމަށެވެ. އައު އިމާރާތާއެކު، އިތުރު ކޯސްތައް ހިންގާ، ފެންވަރު ރަނގަޅު ޚިދުމަތެއް ދަރިވަރުންނަށް ދިނުމަށް މަގުފަހިވާނެކަމަށް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

"10 އަހަރަށް އިމާރާތް މި ލިބުނީ. މިއާއެކު ކިޔަވައިދޭން ކްލާސްތައް، އިދާރީ އޮފީސް ހިންގަން ޖާގަ ލިބޭނެ. ވަރަށް ބޮޑު ލުއިފަސޭހައަކަށް ވާނެ." ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.

އިސްލާމީ ޔުނިވަރސިޓީއާއި ގުޅިގެން ކުރިމަގުގައި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރިއަށްގެންދަވާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މުހިންމު ދާއިރާތަކުން ދިރާސާކުރުން ފަދަ ކަންކަން ފަހިކޮށްދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.