ޤާނޫނީ ބާރު ލިބިދޭގޮތައް ޤައުމީ ތަރައްޤީގެ އޮނިގަނޑެއް އެކުލަވާލުމަށް ނިންމަވާފައިވާކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެންވިދާޅުވީ އައު ސަރުކާރު ވެރިކަމާ ހަވާލުވެ، އެވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގެދޮރުވެރިކަމާ ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޙައިދަރު ވިދާޅުވީ އުމްރާނީ ތަރައްޤީގެ އޮނިގަނޑެއްއެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ގައުމު ތަރައްޤީގެ ރޮނގުގައި ހާސިލްކުރަން ބޭނުންވާ ނަތީޖާ ނެރުންކަމަށެވެ. އެއީ މިހާރު ކޮންމެ ފަސް އަހަރަކުން އެއްފަހަރު ވެރިކަން ބަދަލުވަމުން ދާއިރު، އެބަޔަކު ބޭނުންގޮތަކަށް ޤައުމުގެ އުމްރާނީ ތަރައްޤީ އާ އެނޫންވެސް ކަންކަން ކުރަމުންދާތީކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.
ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވާލާނީ ޤާނޫނީ ބާރު ލިބިދޭ ގޮތައްކަމަށާ، އޭރުން ކޮންމެ ބަޔަކު ވެރިކަމަށް އައިކަމުގައި ވީނަމަވެސް އެއަށް އަމަލު ކުރުން މަޖުބޫރުވާނެކަމަށް ހައިދަރު ވިދާޅުވިއެވެ.
"ޤާނޫނީ ބާރު ލިބިދޭގޮތައް އޮނިގަނޑު އެކުލަވާލީމާ ރާއްޖެ ދާނެ މިސްރާބު ވަރަށް ސާފުކޮށް އިނގޭނެ. މިހާރު ހަމަ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އެބައެއް ބޭނުންވާގޮތައް މި ބަދަލުތައް ގެންނަމުން މިދަނީ. އެއާ ހިލާފަށް ވަކި ގޮތަކަށް ދިއުމަށް ކަނޑައެޅުނީމާ ތަންކޮޅެއް ފަސޭހަވާނެކަމަށް ގަބޫލު ކުރެވޭތީ މި މަސައްކަތް ފެށުމަށް ނިންމީ" ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.
މި މަސައްކަތްފެށުމަށް މިހާރު ތައްޔާރުވަމުންދާއިރު އެމަސައްކަތް ކުރާނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ޝާމިލްވުމާއެކު، އަތޮޅުތަކަށްގޮސް ހާލަތު ދެނެގަތުމަށްފަހުގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެ ތަަރައްޤީ ކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވަނީ، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީއާ ދެކުނުން އައްޑޫ ސިޓީގައި އާބަން ސެންޓަރުތައް ޤާއިމްކޮށް، ރާއްޖޭގެ އިތުރު 7 ސަރަހައްދެއްގައި ކުދި އާބަން ސެންޓަރުތަކެއް ޤާއިމްކޮށްގެންނެވެ. މިގޮތުން ކުޅުދުއްފުށި ސިޓީއާއި، އައްޑޫ ސިޓީގައި ހައުސިންގެ ބބޮޑެތި މަޝްރޫޢުތަކެއް ހިންގެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި އެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ގެދޮރުވެރިކަމާ ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވިއެވެ. މީގެ ސަބަބުން މާލެއަށް ޚިދުމަތައް ހޯދުމަށް ބަރޯސާވާވުން ކުޑަކުރުމަށް ކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ހައިދަރު ވިދާޅުވީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހިންގޭ މަޝްރޫއުތައްވެސް ރާވާ ކުރިއަށްގެންދާނީ އެކުލަވާލާ ޕްލޭނާ އެއްގޮތައްކަމަށެވެ. ބޯހިޔާވަހިކަން ހައްލުކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެރަށެއްގެ އާބާދީއާ އެކަށޭނެ މިންވަރަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒެވެ.