ޚަބަރު

ސަރުކާރުގެ އަމާޒު: ފަތުރުވެރިކަމުން އެކަނި 6 ބިލިއަން ޑޮލަރަށް ޖީޑީޕީ އުފުލުން


  • މިހާރު ރާއްޖޭގެ ޖީޑީޕީ އަކީ 6 ބިލިއަން އެމެރިކާ ޑޮލަރު

  • ޖީޑީޕީގެ ބޮޑު ބައެއް ޙިއްސާކުރަނީ ފަތުރުވެރިކަމުން

  • ވިޒިޓަސް އިކޮނޮމިކް ކައުންސިލުން މަސައްކަތް ކުރާނީ އިޤްތިސާދު ޑައިވަސިފިކޭޓް ކުރުމަށް

ފަތުރުވެރިކަމުން އެކަނި ރާއްޖޭގެ ޖީޑީޕީ 6 ބިލިއަން ޑޮލަރަށް އުފުލުމަށް ރާއްޖޭގެ އިޤްތިޞާދު ފުޅާކުރެއްވުމަށް ޙާއްސަ މަސައްކަތްތަކެއް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވިޒިޓަރ އިކޮނޮމިކް ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެކައުންސިލުން މިހެން ވިދާޅުވީ، ކައުންސިލުގެ މަސައްކަތްތައް ރާވަފާއިވާ ގޮތާއި ގުޅޭގޮތުން ނޫސްވެރިނަށް މައުލޫމާތު ދިނުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ. ވަޒީރުންގެ މަޖިލީހުގައި އެކުލަވާލައްވާފައިވާ ވިޒިޓަރ އިކޮނޮމިކް ކައުންސިލް ޗެއަރ ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއެވެ.

މިހާރު ރާއްޖޭގެ ޖީޑީޕީއަކީ 6 ބިލިއަން އެމެރިކާ ޑޮލަރެވެ. ޖީޑީޕީގެ ރެވެނިއުގެ ތެރެއިން 4.9 ބިލިއަން އެމެރިކާ ޑޮލަރު ވަންނަނީ ފަތުރުވެރިކަމުންނެވެ. ވިޒިޓަރ އިކޮނޮމިކް ކައުންސިލްގެ ކޯ-ޗެއަރ އަދި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ޖީޑީޕީ މިހާރު ހުރިވަރަށް ހަމައެކަނި ފަތުރުވެރިކަމުން އުފުލުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެއްކަމަށެވެ.

އެކަމަށް ޙާއްސަކޮށް އުފައްދަވާފައިވާ ވިޒިޓަރ އިކޮނޮމިކް ކައުންސިލުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ސަޢީދު ވިދާޅުވީ، ކުޅިވަރާ ޞިއްޙީ ފަތުވެރިކަން ފުޅާކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު އަމާޒު ހިއްޕަވާފައިވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރެވެން ހުރި ދާއިރާތައް ދެނެގަނެ އިޤްތިޞާދު ފުޅާކޮށް ސިންދަފާތު ކުރުންކަމަށް ސަޢީދު ވިދާޅުވިއެވެ.

މި ދާއިރާތައް ކުރިއަރުވަން ނިންމެވީ، ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ޤައުމެއްކަމުން އެ ވިޔަފާރި ކުރިއެރުވެން ހުރި ދާއިރާތަކުން ފުޅާކޮށްގެން ރާއްޖެއަށް ވަންނަ އާމްދަނީ އިތުރު ކުރެވިގެންދާނެކަމަށް ރައީސް ދެކެވަޑައިގަންނަވާތީކަމަށް ސަޢީދު ވިދާޅުވިއެވެ. ސަޢީދު ވިދާޅުވީ 6 ބިލިއަން ޑޮލަރަށް ފަތުރުވެރިކަމުގެ ޖީޑީޕީ އުފުލުމަކީ ކުރުރާސްތާ ޕްލޭނެއްކަމަށެވެ.

"ރައީސް ޑރ. މުޢިއްޒުގެ ވިޝަން އަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރެއްވުން.. ވަރަށް ބޮޑު ވިސްނުންފުޅެއް ގެންގުޅުއްވާ އިޤްތިޞާދު ޑައިވަސިފިކޭޝަން ކުރެއްވުމަށް.. އެގޮތުގެ މަތިން ޓުއަރިޒަމް ޑައިވަސިފައިކުރަން ޙާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާނެ މަސައްކަތެއް." ސާޢީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކިއެކި ސަރަޙައްދުތަކަށް ފަތުރުވެރިކަން ފުޅާކުރެވިގެން ދިއުމާއެކު މެޑިކަލް ޓުއަރިޒަމް ފުޅާކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ބައެއް ސަރަހައްދުތައް އެކަމަށް ޙާއްސަކުރެވިގެންދާނެކަމަށާއި، އެއީވެސް ކުރެވޭނެ މަސައްކަތެއްކަމަށް ސަޢީދު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ ވަޒީރުންގެ މަޖިލީހުގައި 3 ކައުންސިލެއް އުފައްދަވާފައެވެ. އެއީ ސޯޝަލް ކައުންސިލް، އިކޮނޮމިކް ކައުންސިލް އަދި ވިޒިޓަރ އިކޮނޮމިކް ކައުންސިލެވެ. މީގެ ތެރެއިން ވިޒިޓަރ އިކޮނޮމިކް ކައުންސިލް ކުރިއަށްދާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިމެނިވަޑައިގަންނަވާގޮތަށް ވިޒިޓަރ އިކޮނޮމިކް ކައުންސިލުގައި ޖުމްލަ 9 ބޭފުޅުން ތިއްބަވައެވެ. މި ކައުންސިލު ކޯ-ޗެއަރ ކުރައްވާނީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލެވެ.

ދެން މި ކައުންސިލުގައި ހިމެނިވަޑައިގަންނަވަނީ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް، ޞިއްޙީ ވަޒީރު ޑރ ޢަބްދުالله ޚަލީލް، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުالله ރާފިޢު، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، އަދި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ.