ޚަބަރު

ދިވެހިބަހާއި ބެހޭ ވުޒާރާގެ ވަޒީރު، އެ ވުޒާރާގެ މުވައްޒަފުންނާއި ބައްދަލުކުރައްވައިފި


  • ވުޒާރާގެ ބައެއް ކަންތައްތައް ތަރުތީބުވެގެންދާނެ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައިވޭ

  • ޤައުމިއްޔަތަށް ދެއްވާ އިސްކަމުގެ ދަށުން މި ވުޒާރާގެ މަސައްކަތްތައް މުހިންމުވާނެ

  • ސަރުކާރުގެ ވުޒާރާތަކަށް ކިޔާ ދިވެހި ނަންތައް ކަނޑައަޅާ ނަން ބޯޑުތައް ވަނީ ހަރުކޮށްފައި

ދިވެހިބަހާއި ޘަޤާފަތާއި، ތަރިކަ އާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހިމް، އެ ވުޒާރާގެ މުވައްޒަފުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީގެ ބައެއް ކަންތައްތައް ތަރުތީބުވެގެންދާނެ ގޮތާއި، ކަންކަން ތަންފީޒު ކުރެވިގެންދާނެ ގޮތާއި ގުޅޭގޮތުން މިނިސްޓަރ ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މިނިސްޓްރީގެ އެތެރޭގައި މާޙައުލު އޮތް ގޮތާއި، މިނިސްޓްރީ ހިންގުމުގެ ނިޒާމައި ގުޅޭގޮތުން، މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ދިވެހިބަހާއި ޘަޤާފަތާއި، ތަރިކަ އާއި ބެހޭ ވުޒާރާއަކީ ވަރަށް މުހިންމު ވުޒާރާއަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުގައި ވެގެންދާނެއެވެ. ސަބަބަކީ މި ސަރުކާރުގައި ދިވެހި ޤައުމިއްޔަތާއި ބަސް ކުރިއަރުވާ އާލާ ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވުމެވެ. އެގޮތުން، އައު ސަރުކާރާއެކު، ވުޒާރާތަކުގެ ދިވެހި ނަންތައް ތަޢާރަފްކޮށް ނަން ބޯޑުގައި ދިވެހިން ލިޔެފައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ހަމަޖައްސަވާފައެވެ. އަދި ވަޒީރުންގެ ގެކޮޅާއި ކާރުކޮޅުގައިވެސް ޤައުމީ ދިދަ ނަގާފައި ބެހެއްޓުމަށްވެސް ވަނީ ނިންމަވާފައެވެ.