ޚަބަރު

ރައީސް ޗެއަރ ކުރައްވާގޮތަށް ފަތުރުވެރިކަމަށް ޚާއްސަ ކައުންސިލެއް


  • މިއަދު ވަނީ ފުރަތަމަ ވަޒީރުންގެ މަޖިލިސް ބާއްވަވާފައި

  • މި ބައްދަލުކުރެއްވުމުމުގައި 3 ކައުންސިލެއް ވަނީ އުފައްދަވާފައި

  • "ހަފްތާ 14" މަގުޗާޓު ތަންފީޒުކުރެއްވުމުގެ ޕްލޭންތަކަށް މަޝްވަރާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކޮށް ހިމަނިވަޑައިގަންނަވާގޮތަށް، ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ޚާއްސަ ކައުންސިލެއް ވަޒީރުންގެ މަޖިލީހުގައި އުފައްދަވައިފިއެވެ.

މި ކައުންސިލް އުފައްދަވާފައިވަނީ މިއަދު ބޭއްވި އައު ސަރުކާރުގެ ފުރަތަމަ ވަޒީރުގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. އައު ސަރުކާރުގެ ވަޒީރުގެ މަޖިލީހުގައި 22 ބޭފުޅުން ހިމެނިފަޑައިގަންނަވައެވެ.

ވަޒީރުގެ މަޖިލީހުގެ ފުރަތަމަ ބައްދަލުކުރެއްވުމަކީ ތަޢާރަފުވުމާއި، ސަރުކާރުގެ މަސައްކަތްތައް ފަށައިގަތުމަށް ކަންކަން ތަރުތީބުކުރެއްވުމަށް މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމެކެވެ. އެގޮތުން އައު ސަރުކާރުގެ "ހަފްތާ 14" މަގުޗާޓުގައި ހިމެނޭ މަސައްކަތްތައް ރާއްވަވާ ކުރިއަށްގެންދަވާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުން ވަނީ، 3 ކައުންސިލެއް އުފައްދަވާ، ކައުންސިލްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާނެ ބޭފުޅުން ކަނޑައަޅުއްވާފައެވެ. ވަޒީރުންގެ މަޖިލީހުން އެކުލަވާލައްވާފައިވަނީ ސޯޝަލް ކައުންސިލް، އިކޮނޮމިކް ކައުންސިލް އަދި ވިޒިޓަރ އިކޮނޮމިކް ކައުންސިލެވެ.

މީގެ ތެރެއިން ވިޒިޓަރ އިކޮނޮމީ ކައުންސިލަކީ ވަޒީރުގެ މަޖިލީހުގައި މުޅިން އަލަށް އުފެއްދެވި ކައުންސިލެކެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަށް އުފެއްދެވި ކައުންސިލެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، ވިޒިޓަރ އިކޮނޮމީ ކައުންސިލް އިސްވެ ބަލަހައްޓަވާ ޗެއަރކުރައްވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަށެވެ.

މި ކައުންސިލުގެ މަޤުޞަދަކީ ރާއްޖޭގެ އާމްދަނީ އެންމެ ބޮޑަށް ބަރޯސާވާ، ފަތުރުވެރިކަމުގެ އައު ގޮތްތައް ތަޢާރަފުކޮށް، ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރެއްވުންކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރަން އެންމެ ބޮޑު އިސްކަމެއް ދޭނީ. ރާއްޖޭގެ ފަތުރުވެރިކަން ބަރޯސަވެފައި އޮތީ ލީޝަރ ނުވަތަ ޗުއްޓީ ހޭދަކޮށްލަން އަންނަ ތަނެއް ގޮތަށް. ނަމަވެސް ރައީސްގެ ވިސްނުންފުޅަކީ، ސިއްޙަތު، ތަޢުލީމު، ދަތުރުފަތުރުގެ ފަތުރުވެރިކަން ފަދަ ދާއިރާތަކުން ފުކުރެއްވުން. އާ ހަރުފަތްތަކަށް ފަތުރުވެރިކަން ގެންދެވުން." ފިރުޒުލް ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ގުޅޭ ކައުންސިލްގެ އިތުރުން، ސޯޝަލް ކައުންސިލާއި އިކޮނިމިކް ކައުންސިލް ވަނީ އެލަވާލާފައެވެ. ސޯޝަލް ކައުންސިލް ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާއެވެ. އަދި އިކޮނޮމިކް ކައުންސިލްގައި އިސްކޮށް މަސައްކަތް ކުރައްވާނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.