ޚަބަރު

ބޮޑު އަގުނަގާ މައްސަލަ ހައްލުކުރުމަށް، ސަރުކާރުގެ ވިސްނުން ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް


  • ބައެއް ކުންފުނިތަކުން މިނިސްޓްރީއަށް ބިޑް ހުށައަޅަނީ ކުޑަ އަގުގައި

  • ނަމަވެސް އިތުރަށް ފައިސާ ނަގާ މައްސަލަ ބޮޑު

  • އާ ސަރުކާރުގެ ވިސްނުންހުރީ ހުރިހާ ކޯޓާ ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް

  • ކޯޓާގެ ޢަދަދު 2000އަށް އިތުރުކުރުމަށް މަސައްކަތް ކުރާނެ

ޙައްޖަށް މީހުން ގެންދިއުމަށް ބައެއް ކުންފުނިތަކުން ބޮޑު އަގުގައި ފައިސާ ނަގާ މައްސަލަ ޙައްލުކުރުމަށް، އާ ސަރުކާރުގެ ވިސްނުންފުޅަކީ ހުރިހާ ކޯޓާ ޙައްޖުކޯޕަރޭޝަނަށް ދިނުންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބޭ ކޯޓާއި އިތުރުކުރައްވަން މަސައްކަތް ކުރެއްވުމާއި، ޙައްޖާއި ޢުމްރާއާއި ގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެވެ. ރާއްޖެއަށް މިހާރު ލިބޭ 1000 ކޯޓާގެ ބަދަލުގައި، އެ އަދަދު 2000އަށް އިތުރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި، ރާއްޖޭގައި ދީނީ ކަންކަން ހަރުދަނާކުރެއްވުމަށް، އާ ސަރުކާރުގެ ތަޞައްވުރާއި ގުޅޭގޮތުން، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ޙައްޖު ކޯޓާއާއި ގުޅޭ މަޝްވަރާތައް ރައީސް މިހާރުވެސް ފަށްޓަވާފައިވާކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން، ސަޢުދީޢަރަބިއްޔާގެ ވަފުދުގައި އެކަމަށް ދަންނަވާ މަޝްވަރާ ފައްޓަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ، ކޯޓާ ހަމަޖެއްސެވުމަކީ ދިވެހި ސަރުކާރުގެ އަތްމަތީގައި އޮންނަ ކަމަކަށް ނުވާތީ ކުއްލި ނިންމުމެއް މިކަމާއި މެދު ނުނިންމޭނެކަމަށެވެ. ނަމަވެސް އެކަމުގެ މަޝްވަރާތައް ސަޢުދީ ސަރުކާރާއެކު ފެށިފައިވާކަމަށާއި، ޢުއްމީދުވެސް ބޮޑުކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

"މިއަދު މިވަނީ މަޝްވަރާތައް ރައީސް ފަށްޓަވާފައި. ކޯޓާ ހަމަޖެއްސުމަކީ އެކަމަށް ވަރަށް އިންތިޒާމްތައް ބޭނުންވާ ކަމެއް. ހޮޓާ، ތިބޭނެ ތަންތަން، ދަތުރުތައް، މިގޮތަށް ވަރަށް ގިނަ އިންތިޒާމްތަކެއް ހަމަޖައްސަންޖެހޭ. މީހުން ގެންގޮސް އެމީހުންނަށް އުޅޭނި ގޮތެއް ނެތި ކުރިއަކަށްނުދެވޭނެ. މަޝްވަރާތައް ކުރިއަށްދޭ، އުއްމީދު ބޮޑު." އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޙައްޖަށް ގެންދިއުމަށް ކޯޓާއަށް ބޮޑު އަގުގައި ފައިސާ ނަގާ މައްސަލައަށް އިތުރަށް ފާރަވެރިވެވަޑައިގަންނަވާނެކަމަށެވެ. ޝަހީމް ވިދާޅުވީ މި މައްސަލަ ޙައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާމެދު މިހާރުވެސް މަޝްވަރާ ކުރައްވަމުންދާކަމަށެވެ. އޭގެތެރެއިން ގެންގުޅުއްވާ އެއް ވިސްނުމަކީ، އެ މަސައްކަތް އަމިއްލަ ކުންފުނިތަކަށް ދޫކުރުމުގެ ބަދަލުގައި، ޙައްޖު ކޯޕަރޭޝަންގެ ދަށަށް މުޅިން ބަދަލުރެއްވުންކަމަށްވެސް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ. އޭރުން ސަރުކާރުން ކަނޑައަޅާ އުސޫލުގެ ތެރެއިން އެ މަސައްކަތް ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މާގިނަ ލާރި ރައްޔިތުންގެ އަތުން ނަގަނީ. 75،80،90 ހާސް ބިޑްގައި ޖަހާފައި، އިތުރަށް 50ހާސް 70 ހާސް އެބަ ނަގާ މީހުން އަތުން. މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. މިނޫންގޮތެއް އެބަ ހޯދަން ޖެހޭ. އެހެންވީމައި މަޝްވަރާކުރެވެމުން ދަނީ ޙައްޖު ކޯޕަރޭޝަންއަށް މުޅިން ދޭނީތޯ، ނޫނީ ކިހިނެތްތޯ ކަން ކުރެވޭނީ." އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ޙައްޖަށް މީހުން ގެންދިއުމަށް މިހާރު ރާއްޖެއަށް ލިބެނީ 1000 ކޯޓާއެވެ. މީގެތެރިން ބޮޑު ބައެއް ދެނީ ޙައްޖު ކޯޕަރޭޝަންއަށެވެ. މިއަހަރުވެސް 3 ކުންފުންޏަކަށް 270 ކޯޓާ ދީފައިވެއެވެ.

އެހެންނަމަވެސް، ޢުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން ކުންފުނިތަކުން ކުރެވޭގޮތަށް އޮންނާނެކަމަށް ވަޒީރު ވަނީ ވިދާޅުވިއެވެ.

މި ދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް، ޙައްޖު ކޯޕާރޭޝަންގެ މަސައްކަތްތައް ހަރުދަނާކުރެއްވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދެއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 2013ވަނަ އަހަރު، އޭރުގެ ސަރުކާރުން ޙައްޖު ކޯޕަރޭޝަން އުފެއްދަވާފައިވަނީވެސް، އެމަނުކުފާނުގެ ވަޒީރުކަމުގައެވެ.

ވަޒީރު ވިދާޅުވީ ޙައްޖު ކޯޕަރޭޝްންގެ ބޭނުމަކަށްވީ، ޙައްޖަށް ދިއުމަށް މީހުން ޖަމާކުރާ ފައިސާއިން އިންވެސްޓްކޮށް، އެއިން ލިބޭ މަންފާޔާއެކު އެމީހުންނަށް އަގުހެޔޮކޮށް ޙައްޖަށް ދެވޭނެ މަގު ފަހިކޮށްދިނުންކަމަށެވެ. އެހެންކަމުން ކޯޕަރޭޝަން ހަރުދަނާކުރުމުގައި ކުރެވޭނެ ކަންކަމަށް، ކަމާގުޅޭފަރާތްތަކާއެކު މަޝްވަރާކުރައްވާ، ހެޔޮ ބަދަލުތައް ހުށައަޅުއްވާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.